ސިވިލް ސޮސައިޓީ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ސިވިލް ސޮސައިޓީ އެވޯޑަށް ކުރިމަތިލާން ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

"ސިވިލް ސޮސައިޓީ އެވޯޑް" މިއީ ރަޖިސްޓަރީކޮށްގެން ހިންގާ މަދަނީ ޖަމްއިއްޔާ/ޖަމާއަތްތަކުން ރާއްޖޭގެ މުޖްތަމައު ބާރުވެރިކުރުމުގެގޮތުން ހިލޭސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް، އެޖަމްއިއްޔާތަކުގެ އަގުވަޒަން ކުރުމުގެގޮތުން ދިނުމަށް ކަނޑައަޅާފައިވާ އެވޯޑެކެވެ.

އަދި މިއީ އިޖުތިމާއީ ގޮތުން މުޖުތަމައު ބާރުވެރި ކުރުވުމަށް އަމިއްލައިސްނެގުމުގެ މަތީން، ތަފާތު ގޮތްގޮތުން އެ ޖަމްއިއްޔާއެއް ނިސްބަތްވާ މުޖްތަމައުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ކުރިއެރުވުމަށް ހިލޭސާބަހަށް މަސައްކަތް ކުރުމުގައި މަދަނީ ޖަމްއިއްޔާތަކުގެ ތެރެއިން ނަމޫނާ ދައްކުވައިދޭ ފަދަ މަސައްކަތްތައް ކޮށްފައިވާ ޖަމްއިއްޔާ ތަކަށް ދެވޭ އިނާމެކެވެ.

މި އިނާމުގެ ސަބަބުން ޖަމްއިއްޔާތަކުން ކުރާ މަސައްކަތްތައް ގައުމީ ފެންވަރުގައި ފާހަގަކުރެވޭނެކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. އަދި މަދަނީ ޖަމްއިއްޔާތަކުގެ އިނާމް ލިބޭފަރާތްތަކަށް، ޖަމްއިއްޔާތަކަށް ދެވޭ ހާއްސަ އެވޯޑާއި، ސެޓްފިކެޓް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއެވޯޑަށް ނަން ހުށަހެޅުމަށް ޝައުގުވެރިވާ ޖަމްއިއްޔާތަކުން، 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މިނިސްޓްރީގެ ކައުންޓަރަށް (ސޯޝަލް ސެންޓަރ) އެޕްލިކޭޝަން ފޯމް ނުވަތަ މި މިނިސްޓްރީގެ އީމެއިލްއަށް [email protected] މެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.

މަދަނީ ޖަމްޢިއްޔާތަކުގެ އިނާމަށް ކުރިމަތިލުމުގެ އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓް www.youth.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް