ބަނގުރަލާއެކު 3 ބިދޭސީއަކު ހައްޔަރުކޮށްފި

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާ ތިން މީހުންނެވެ. އެއީ ސަހަޔާ އަޖިން ފްރެންޗިސް (27އ) އާއި ކަރުއްޕިއަހް ސުއްބައިއާ (52އ) އާއި ސައުތަރާ ރަޖަން އަނަންޗާ ޕެރުމަލް (49އ) އެވެ.

ބަނގުރާ ގެންގުޅެ، ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، މި މެއި މަހުގެ 26 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި މާލޭ މަގުމަތިން އެ ތިން މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު ތިން ފުޅި ބަނގުރާ ފެނިފައިވާކަމަށާއި އަދި ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 500އެމްއެލްގެ 30 ފުޅިއާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 5 ލީޓަރުގެ ތިން ފުޅި ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުން ޑީޕޯޓުކުރުމަށް މިހާރު އިމިގްރޭޝަނާ ހަވާލުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް