މަތީ ތަޢުލީމު ހާސިލުކުރުމަށް ޕެންޝަން އޮފީހުން ދޭ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

މާލީ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރުމަށް  ދޭ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އަލުން ހުޅުވާލައިފިއެވެ.

ޕެންޝަން އޮފީހުން އިއްޔެ ކުރި އިޢުލާނުގައި ބުނެފައިވަނީ މިއީ މެރިޓް ބޭސްޑް އުސޫލުން ދޭ ސްކޮލަރޝިޕެއް ކަމަށާއި، މި ސްކޮލަރޝިޕްގެ ދަށުން ތަޢުލީމު ހާސިލުކުރުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސައިދޭނީ އެ އޮފީހުން ކަމަށެވެ. މި ޕުރޮގުރާމުގެ މަޤުޞަދަކީ އެ އޮފީހުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތަށް އެކި ދާއިރާތަކުން ދުނިޔޭގެ ފެންވަރުގެ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ހުނަރުވެރި ދިވެހިންނަށް ދީ، ޤާބިލު މީހުން ބިނާކުރުމެވެ.

މި ޕުރޮގުރާމުގެ ދަށުން ފުރަތަމަ ޑިގްރީ ހާސިލުކުރުމުގެ އެއް ފުރުޞަތަށް ވަނީ ހުޅުވާލައިފައެވެ. އެގޮތުން ފައިނޭންޝަލް ރިޕޯޓިންގ އެންޑް އެނަލިޓިކްސް ނުވަތަ އިކޮނޮމެޓްރިކްސް ނުވަތަ އެކްޗުއެރިއަލް ސައިންސްގެ ދާއިރާއިން ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ލިބޭނެއެވެ.

މި ސްކޮލަރޝިޕަށް ޝައުޤުވެރިވާ ފަރާތްތަކުން 10 ޖުލައި 2025 ގެ 16:00ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް އެ އޮފީހުން ވަނީ އެދިފައެވެ. މި ސްކޮލަރޝިޕަށް ކުރިމަތިލުމަށް ފުރަތަމަ ކުރި އިޢުލާނާ ގުޅިގެން އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމުގެ ފުރުޞަތު ލިބޭނީ ޓައިމްސް ހަޔަރ އެޑިއުކޭޝަން ވާރލްޑް ޔުނިވަރސިޓީ ރޭންކިންގްސްގެ ޓޮޕް 200 ގައި ހިމެނޭ ޔުނިވަރސިޓީތަކުންނެވެ. ސްކޮލަރޝިޕަށް ދަރިވަރުން ހޮވުމުގައި ބަލާނީ ތަޢުލީމީ ފެންވަރާއި، ލީޑަރޝިޕާއި އެހެނިހެން ތަޖުރިބާއާއި، ސްޓޭޓްމަންޓް އޮފް ޕާޕަސް އަދި އިންޓަވިއު އަށެވެ.

މި ސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު ޕެންޝަން އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް