ފަތުރުވެރިކަމުގެ ދާއިރާގައި ނަޒާހަތްތެރިކަން ހަރުދަނާކޮށް ކޮރަޕްޝަން ހުއްޓުވުމާގުޅޭ "ހައި-ލެވަލް ޕްރިންސިޕަލް" އޯއައިސީއަށް

ސަޢޫދީ ޢަރަބިއްޔާގެ އޯވަރސައިޓް އެންޑް އެންޓި-ކޮރަޕްޝަން އޮތޯރިޓީ (ނަޒާހާ) އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާ ގުޅިގެން މޭ 6-7 ގައި ބޭއްވި "ސަޢުދީ-މޯލްޑިވްސް އިންޓަރނޭޝަންލަ ފޯރަމް އޮން އިންޓަރގްރިޓީ 2025" ގައި އެކުލަވާލައި އެއްބަސްވި، ފަތުރުވެރިކަމުގެ ދާއިރާގައި ނަޒާހަތްތެރިކަން ހަރުދަނާކޮށް ކޮރަޕްޝަން ހުއްޓުވުމާގުޅޭ ހައި-ލެވަލް ޕްރިންސިޕަލްތައް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ "މިނިސްޓީރިއަލް މީޓިންގ އޮފް އެންޓި-ކޮރަޕްޝަން އެންޑް ލޯ އެންފޯސްމެންޓް އެޖެންސީސް" އަށް ރަސްމީކޮށް ހުށަހަޅަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމައިފިއެވެ.

މި ހައި-ލެވަލް ޕްރިންސިޕަލްތަކަކީ، ފަތުރުވެރިކަމުގެ ޙަރަކާތްތަކުގައި ނަޒާހަތްތެރިކަމާއި، ހާމަކަމާއި، ޖަވާބުދާރީވުން އިތުރުކުރުމަށް އޯއައިސީ ޤައުމުތަކަށް އެހީތެރިވުމަށް ފަރުމާކުރެވިފައިވާ އޮނިގަނޑެއްކަމަށާއި އިސްލާމީ އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކުގެ މައްޗަށް (އދ.ގެ ކޮރަޕްޝަން ހުއްޓުވުމުގެ މުޢާހަދާ އާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހިމެނޭގޮތަށް) ބިނާކޮށްފައިވާ މި ޕްރިންސިޕަލްތަކުގައި މައިގަނޑު ނުވަ ކަމެއް ހިމެނޭކަމަށް އޭސީސީން ވަނީ ހާމަކޮށްފައެވެ. އެއީ،

  • ކޮރަޕްޝަން ހުއްޓުވުމަށް ކަނޑައަޅާފައިވާ މުއައްސަސާތަށް ބާރުވެރި ކުރުވުމަށް ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުން؛
  • އެސެޓް ރިކަވަރީ އަދި "ކުރޮސް ބޯޑަރ އެންފޯސްމެންޓް" ހިމެނޭގޮތަށް، ބައިނަލްއަޤްވާމީ އެއްބާރުލުން ވަރުގަދަކުރުން؛
  • ހާމަކަން ބޮޑުކުރުމަށާއި، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) ބޭނުންކުރުން އިތުރުކުރުން؛
  • ފަތުރުވެރިކަމުގެ މަޝްރޫޢުތަކުގައި ޕްރޮކިއުމަންޓް އުޞޫލުތަކާ ގުޅުންހުރި ކަންކަމުގައި ނަޒާހާތްތެރިކަން އިތުރުކުރުން؛
  • އިންސާފުވެރި އަދި ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ބިން ބެލެހެއްޓުމުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ތަރައްޤީކުރަން އެއްބާރުލުންދިނުން؛
  • ފަތުރުވެރިކަމުގެ ސިނާޢަތުގައި ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްތަކުގެ ނަޒާހަތްތެރިކަން ކުރިއެރުވުން؛
  • އެންޓި-ކޮރަޕްޝަން އޮނިގަނޑުތައް ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅުކުރުމަށް މޮނިޓަރކޮށް އިވެލުއޭޓްކުރުން އިތުރުކުރުން؛
  • "ބެނެފިޝަލް އޯނަރޝިޕް" ދެނެގަތުން ހިމެނޭގޮތަށް، މަޢުލޫމާތު ލިބުމުގެ ފުރުސަތާއި ހާމަކުރުމުގެ ނިޒާމުތައް ހަރުދަނާކުރުން؛
  • ވިސްލްބްލޯވަރުން ހިމާޔަތްކުރުމާއެކު، ސްޓޭކްހޯލްޑަރުންގެ އެއްބާރުލުމާއި ރިޕޯޓުކުރުމުގެ ނިޒާމުތައް ހަރުދަނާކުރުން؛

މި ހަމަތަކުގެ މައިގަނޑު މަޤްޞަދަކީ އޯއައިސީ މެމްބަރު ޤައުމުތަކުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ކޮރަޕްޝަންގެ ގޮންޖެހުންތައް ނައްތާލުމާއި، ދެމިގެންދާނެ، ހަމަހަމަ އުޞޫލުތަކެއް ޤާއިމުކުރުމެވެ. މި މަބްދައުތައް އޯއައިސީއަށް ހުށަހެޅުމަށް އޭސީސީ އާއި ނަޒާހާ ގުޅިގެންދަނީ މަސައްކަތްކުރަމުން ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް