ނޭޕާލްގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސަށާއި ބޮޑުވަޒީރަށް ރައީސް ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނޭޕާލްގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރައީސް ހިޒް އެކްސެލެންސީ ރާމްޗަންދްރަ ޕޯޑެލްއަށާއި ބޮޑުވަޒީރު ހިޒް އެކްސެލެންސީ ކޭ.ޕީ. ޝަރްމާ އޮލީއަށް، ތަހުނިޔާ ފޮނުއްވާފައެވެ.

ރައީސް ވަނީ، އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުގައިވެސް ތަހުނިޔާގެ މެސެޖެއް ޙިއްޞާކުރައްވައިފައެވެ.

ނޭޕާލްގެ ރައީސާއި ބޮޑުވަޒީރަށް ވަކިވަކީން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުތަކުގައި، އެޤައުމުގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ، އެ މަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައާއި، އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިޚުލާސްތެރިކަމާއެކު ނޭޕާލްގެ ރައީސާއި، ބޮޑުވަޒީރާއި ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވާފައިވެއެވެ. އަދި ދެޤައުމުގެ މެދުގައި އޮތް އަޚްވަންތަކަމުގެ ގުޅުން ފާހަގަކުރައްވައި، ކުރިއަށް އޮތް އަހަރުތަކުގައި ދެޤައުމުގެ ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި ގޮތެއްގައި މި ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާފައިވެއެވެ.

ރައީސް މެސެޖުގައި، ދިވެހިރާއްޖޭގައި ދިރިއުޅޭ ނޭޕާލް ރައްޔިތުންގެ އަގުހުރި ހިއްސާ ފާހަގަކުރައްވައި، ޤައުމުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގައި އެބައިމީހުންގެ މުހިންމު ދައުރު ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުތައް ނިންމަވާލައްވާފައި ވަނީ ނޭޕާލްގެ ރައީސާއި ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އެޤައުމަށާއި އެޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް