މިދިޔަ ދޮޅު އަހަރުދުވަހުގެ ތެރޭގައި އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލަށް 194 އެނދު އިތުރުކޮށްފައިވޭ

ފާއިތުވި ދޮޅު އަހަރުދުވަހުގެ ތެރޭގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ދަރުމަވަންތަ ހޮސްޕިޓަލްއަށް 194 އެނދު އިތުރުކޮށްފައިވާކަމަށް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.

ސީއީއޯ ޙަލީމް މިހެން ވިދާޅުވީ، އައިޖީއެމްއެޗްގައި އައު މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން މި އިތުރުކުރެވުނު އެނދުތަކުގެ ސަބަބުން ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އައިޖީއެމްއެޗްއާއި ދަރުމަވަންތަ ހޮސްޕިޓަލުން ގިނަ ކަންކަން ހާސިލްކޮށްފައިވާކަމަށް ފާހަގަކުރެއްވި އިބްރާހިމް އަބްދުއްރައްޒާޤު ޙަލީމް، އެގޮތުން ކުޑަކުދިންނަށް ޚާއްސަ އީއާރުއެއް ޤާއިމްކޮށްފައިވާކަމަށާއި ދަރުމަވަންތަ ހޮސްޕިޓަލްގައި ފާޓިލިޓީ ސެންޓަރެއް ޤާއިމްކޮށް އައިވީއެފް ހެދުމުގެ ޚިދުމަތް ދެމުންދާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، އައިޖީއެމްއެޗްގައި އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ ކެތްލެބްވެސް ޚިދުމަތަށް ގެނެސްފައިވާކަމަށް އޭނާ ހާމަކުރެއްވިއެވެ.

ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވަމުން، ސީއީއޯ އިބްރާހިމް އަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ 1995 ވަނަ އަހަރު އައިޖީއެމްއެޗް ހުޅުވުނުއިރު 62,000 މީހުންނަށް ފަރުވާ ދިނުމަށް ހުރީ 186 އެނދުކަމަށެވެ.

ނަމަވެސް 2023 ވަނަ އަހަރާ ހަމައަށް އައިއިރު އެ ހޮސްޕިޓަލުން 212,000 މީހުންނަށް ފަރުވާ ދިނުމަށް ބޭނުންކުރަމުން ދިޔައީ 310 އެނދުކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިއީ 30 އަހަރެއްހާ ދުވަހުގެ ތެރޭގައި އިތުރުކުރެވުނު 130 އެނދުކަމަށްވެސް އަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް