ހަންޏާމީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

އދ. ހަންޏާމީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ. އަދި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، އިބްރާހީމް ނަޒީމެވެ.

މި މަޝްރޫޢުގެ ދަށުން ހަންޏާމީދޫ ގޮނޑުދޮށަށް 14،322.75 ކިއުބިކް މީޓަރުގެ ރާޅު ވެލިއެޅުމާއި، 14،322.75 ކިއުބިކް މީޓަރުގެ ހިމުން ވެލި ގޮނޑުދޮށަށް އެޅުމާއި، 455 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮށްޓެއް ލުމާއި، 440 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމަށްފަހު ކަމަށެވެ. މި މަޝްރޫޢަކީ 46.20 މިލިއަން ރުފިޔާއަށް 240 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީ އާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

އެމްޓީސީސީން ބުނީ މިއަދު ސޮއިކުރެވުނު މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ހަންޏާމީދޫ އަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބި، ރަށުގެ ގޮނޑުދޮށް އިޔާދަކުރެވިގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އިޖުތިމާޢީ ގޮތުންނާއި އިޤުތިޞާދީ ގޮތުން ރަށަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ޤަބޫލުކުރާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް