މިފަހަރު ހާޖީންގެ 50 އިންސައްތަ އުފުލާނީ ދިވެހި ޤައުމީ އެއާލައިންގައި: ވަޒީރު
މިފަހަރު ޙައްޖަށްދާ ހާޖީންގެ 50 އިންސައްތަ އުފުލާނީ ދިވެހި ޤައުމީ އެއާލައިނުންކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ ޙައްޖުވެރިންގެ ދެވަނަ ގުރޫޕް، މޯލްޑިވިއަން އިން ފުރުމުން އެކަން ފާހަގަކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ. މިއީ އަހަރުތަކަކަށްފަހު މޯލްޑިވިއަންގެ ބޯޓެއްގައި ޙައްޖުވެރިން ދާ ފުރަތަމަ ފަހަރެވެ. އެހެނިހެން އަހަރުތަކުގައި ޙައްޖުވެރިން ގޮސްފައިވަނީ ސަޢުދީ އެއަރލައިންތަކާއި އެނޫންވެސް ބައެއް ބޭރުގެ އެއަރލައިންތަކުގެ ބޯޓުތަކުގައެވެ. "ފުރަތަމަ ފަހަރަށް ޤައުމީ އެއާލައިނުގައި ދިވެހިން ޙައްޖަށް! އަލްޙަމްދުލިއްލާޙް" ވަޒީރު ވިދާޅުވެފައިވެއެވެ. ވަޒީރުގެ ޕޯސްޓު ނިންމަވާލައްވާފައިވަނީ މިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ޝުކުރުދަންނަވަމުންނެވެ. ޙައްޖުވެރިންގެ ދެވަނަ ގުރޫޕް ފުރީ މިއަދު ހެނދުނު 8:00 ގައެވެ. މި ފްލައިޓުން 255 މީހުން ފުރާފައިވެއެވެ. މި ފްލައިޓް ޖިއްދާ އެއަރޕޯޓްގައި ޖައްސާނެކަމަށް ލަފާކުރަނީ ޖިއްދާ ގަޑިން މިއަދު 11:00 އެހާއިރުއެވެ. ޙައްޖުވެރިންގެ ދެވަނަ ގުރޫޕު ފުރާފައިވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ބޯޓެއްގައެވެ. މިއަހަރުގެ ޙައްޖަކީ ތާރީޚުގައި ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ އަހަރެކެވެ. ޙައްޖުވެރިންނަށް ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސީދާ އިރުޝާދާއެކު ކަމާއިބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކަށް މިއަހަރުވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ. އަހަރުތަކެއް ފަހުން ދިވެހިންގެ އަމިއްލަ ޤައުމީ އެއާލައިން، މޯލްޑިވިއަންގައި ޙައްޖުވެރިން ދަތުރު ކުރަން ފެށިއިރު، މިއީ ޤައުމީ އެއާލައިން ތަަރައްޤީ ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، ޤައުމީ އެއާލައިނަށް ވައިޑްބޮޑީ މަތިންދާބޯޓެއް ގެނައުމާއެކު ހަމަޖެހިގެންދާ އިންތިޒާމެކެެވެ. އެގޮތުން ދިވެހި ޙައްޖުވެރިންގެ 4 ފްލައިޓުގެ ތެރެއިން 2 ފްލައިޓުގެ ޙައްޖުވެރިން ދަތުރުކުރާނީ މޯލްޑިވިއަންގައެވެ. މޯލްޑިވިއަންގެ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދާއި މި މަހު 29 ވަނަ ދުވަހުއެވެ.  

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް