ހުޅުމާލޭ ފޭސް 2 ގައި 100 މީޓަރުގެ އުސް "އައިކޮނިކް" ޓަވަރެއް އަޅަން ނިންމައިފި

ހުޅުމާލެ ފޭސް 2 ގައި ހުޅުމާލެ ރަމްޒުކޮށްދޭ ތަނެއްގެ ގޮތުގައި 100 މީޓަރުގެ އުސް "އައިކޮނިކް" ޓަވަރެއް އަޅަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗީފް ޕްލޭނިން އޮފިސަރު އަހުމަދު ޒިނަފް ވިދާޅުވެއްޖެއެވެ.

އެޗްޑީސީގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން އަހުމަދު ޒިނަފު ވަނީ އެ "އައިކޮނިކް ޓަވަރާ" ގުޅޭ ބައެއް ތަފުސީލުތައް ދެއްވާފައެވެ. އެގޮތުން، އެ ޓަވަރު އަޅަނީ ހުޅުމާލެ ފޭސް 2 ގައި ފަރުކޮޅުފުށި ނިމޭ ހިސާބުގަ އެވެ. އެޗްޑީސީން ފަރުކޮޅުފުށި ތަރައްގީ ކުރަނީ ގްރީން ނުވަތަ ފެހި ސަރަހައްދެއްގެ ގޮތުގަ އެވެ. އެ ބޮޑު ސަރަހައްދުގައި ކުޑަ ފުޓްބޯޅަ ދަނޑަކާއި އެހެން ކުޅިވަރުތައް ކުޅޭނެ ކޯޓަކާއި ބާބާކިއު ހަދާނެ ސަރަހައްދަކާއި އިވެންޓް ސްޕޭސްއަކާއި ބޮޓޭނިއަލް ގާޑެންއަކާއި ޗަސްބިމަކާއި އެމްފިތިއޭޓަރަކާއި ޕެޓިން ޒޫއަކާއި އެސްޖެހިގެ އަދި ޕަމްޕް ޓްރެކެއް ހަދަން ވަނީ ޕްލޭން ކޮށްފައިވެ އެވެ.

މި "އައިކޮނިކް" ޓަވަރަކީ ހުޅުމާލޭގެ ތިންވަނަ އައިޑެންޓިޓީއެއް ހެދުމަށް އިމާރާތްކުރާ ތަނަކަށްވާނެކަމަށާއި އެ ޓަވަރުގެ އުސްމިނަކީ 100 މީޓަރު ކަމަށް އެޗްޑީސީން ވިދާޅުވިއެވެ. އެއީ ގާތްގަނޑަކަށް ހިޔާ ފްލެޓުގެ ވެސް އުސްމިނެވެ.

"މީގެ އެންމެ ބޮޑު ބޭނުމަކީ ހުޅުމާލެއޭ ބުނީމަ އެންމެ ފުރަތަމަ ވެސް އަޅައިގަންނާނެ ނުވަތަ ވިސްނޭ ތަނެއްގައި ގޮތުގައި ހެދުން،.... މި ޓަވާގެ އަނެއް ބޭނުމަކީ ފައިނޭންޝިއަލް ޑިސްޓްރިކްޓެއް އުފެދިގެން އަންނައިރު، އިތުރު ވަޒީފާތަކަށް ޖާގަ ދިނުން" އަހުމަދު ޒިނަފ ވިދާޅުވި އެވެ.

ހުޅުމާލޭގެ މާސްޓަޕްލޭނަަށް ބަދަލު ގެނައީ ހުޅުމާލޭގައި އިތުރުވަމުންދާ އާބާދީ އަށް ބޭނުންވާ ގިނަ ކަންތައްތަކަށް މަގުފަހި ކުރުމަށް ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އެގޮތުން ހުޅުމާލޭގެ ފަޅުތެރެއިން އިތުރު ބައެއް ހިއްކާފައިވުމުން، ބިމުގެ ޖާގަ އިތުރުވުމާ ގުޅިގެން އެ ބިންތައް ބޭނުން ކުރާނެ ގޮތްތަކާ މެދު ފަންނީ ގިނަ މަޝްވަރާތަކާއި ލަފާތައް އެޗްޑީސީގެ މެނޭޖްމަންޓުން ހޯދާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް