ޓެކްސްއާ ގުޅޭ ގޮތުން އެއްބާރުލުން ދިނުމުގެ ދާއިރާގައި ރާއްޖެއިން ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައި: މިނިސްޓަރު

ޓެކްސްއާ ގުޅޭ ގޮތުން އެއްބާރުލުން ދިނުމުގެ ދާއިރާގައި ދިވެހިރާއްޖެއިން ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މުސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފެށި 8 ވަނަ އޭޝިޔާ އިނީޝިއޭޓިވް މީޓިންގައި ދެއްވި ކީނޯޓްގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، ޓެކްސް ނެގުމުގެ ނިޒާމު ހަރުދަނާކޮށް ހާމަކަން ބޮޑު ގޮތެއްގައި ބެލެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ގްލޯބަލް ފޯރަމް އަދި އޭޝިއާ އިނީޝިއޭޓިވްގައި ރާއްޖެ ބައިވެރިވެ، ޓެކްސް ނިޒާމު ހަރުދަނާކޮށް، އިންކްލޫސިވް ގްރޯތު އިތުރުކޮށް، ހަމަހަމަކަން ކަށަވަރުކުރުމަށް މުހިންމު ވަސީލަތްތަކެއް ލިބިފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި، ހާމަކަން ބޮޑު ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން ރާއްޖެ ވަނީ ހޮންކޮންގާއެކު ޑަބަލް ޓެކްސް އެވޮއިޑަންސް އެގްރީމެންޓެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށާއި، އިންވެސްޓަރުންނަށް ފަހި މާހައުލެއް ޤާއިމުވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އޭޝިއާ އިނީޝިއޭޓިވްގެ ކޯ-ޗެއަރގެ ހައިސިއްޔަތުން ރާއްޖެއިން އަދާކުރަމުންދާ ދައުރަކީ ވަރަށް މުހިންމު ޒިންމާއެއް ކަމަށާއި، މި ޒިންމާ އަދާކުރުމަށް ރާއްޖެއިން ފުރިހަމައަށް މަސައްކަތްކުރާނެ ކަމަށާއި އަދި ގްލޯބަލް ފޯރަމްގެ މެންބަރެއްގެ ހައިސިއްޔަތުން، ޤާބިލުކަން އިތުރުކުރުމާއި، އެކުގައި މަސައްކަތްކުރުމާއި، އެންމެންގެ ބައިވެރިވުން އޮންނަ މަޝްވަރާތައް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކުރިއަށް ހުރި ގޮންޖެހުންތަކާ ކުރިމަތިލުމުގައި، އެކުގައި މަސައްކަތްކުރުމުގެ ބާރާއި، ލީޑަރޝިޕްގެ ހަރުދަނާކަމާއެކު، ދެމެހެއްޓެނިވި ކުރިއެރުން ހޯދޭނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް ފާހަގަކުރައްވަމުން މިނިސްޓަރު ވަނީ ދުނިޔޭގެ އިގްތިސާދީ ހާލަތު ހުރި ގޮތުން، ގައުމުތަކުން އިޤްތިސާދީ ސިޔާސަތުތައް އަލުން ބައްޓަން ކުރަމުންދާ މި ދަނޑިވަޅުގައި، ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންވެސް އަލިއަޅުވާލެއްވިއެވެ.

އެގޮތުން ރާއްޖޭގެ އިޤްތިސާދު ބިނާވެފައިވަނީ ފަތުރުވެރިކަމުގެ މައްޗަށް ކަމަށާއި، ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމުގައި ރާއްޖެއިން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށާއި މިގޮތުން ވޭތުވެދިޔަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތުން ޖީޑީޕީގެ 13.8 އިންސައްތަ ހިއްސާކުރި އިރު، ރިކޯޑު އަދަދެއްގެ ގޮތުގައި 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.

ފިނޭންސް މިނިސްޓްރީން ރެވެނިއު އެޑްމިނިސްޓްރޭޝަން އޭޖެންސީތަކާ ގުޅިގެން މެދު ރާސްތާގެ ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލާފައިވާ ކަމަށާއި މި ސްޓްރެޓެޖީގެ މަގްސަދަކީ މިހާރުގެ ރެވެނިއު ޕޮލިސީތައް ހަރުދަނާކޮށް، އެތެރޭގެ އާމްދަނީ އިތުރުކޮށް، ބޭރުގެ ދަރަންޏަށް ބަރޯސާވާ މިންވަރު ކުޑަކުރުން ކަމަށްވެސް މިނިސްޓަރ ގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"ހާމަކަން ބޮޑު އަދި ހަރުދަނާ ޓެކްސް ނިޒާމެއް އޮތުމަކީ މޫސުމަށް އަންނަ ބަދަލުތަކާ އެކަށީގެންވާ ގޮތަށް ތައްޔާރުވުމާއި، ތައުލީމު، ސިއްޙަތު އަދި އުމްރާނީ ތަރައްޤީ ފަދަ މުހިންމު ދާއިރާތަކަށް ފައިނޭންސް ކުރުމަށް ކޮންމެހެން ބޭނުންވާ ކަމެއް،" މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވިއެވެ.

ޑިޖިޓަލް ޓެކްނޮލޮޖީގެ ކުރިއެރުމާއި، ދުނިޔޭގައި ފައިސާގެ ދައުރުވުން އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި، ބައިނަލްއަޤްވާމީ އެއްބާރުލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވަޒީރު ޒަމީރު ފާހަގަކުރެއްވިއެވެ. އަދި ޓެކްސް ނުދެއްކުމާއި، ޤާނޫނީ ގޮތުން ހުއްދަނޫން ގޮތްގޮތުން ފައިސާ ބޭރުކުރުން ހުއްޓުވުމަށް މައުލޫމާތު ހިއްސާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް