ރާއްޖޭގެ ކެޔޮޅުންނަށް އަމާޒުކޮށްގެން މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

ރާއްޖޭގެ ކެޔޮޅުންނަށް އަމާޒުކޮށްގެން މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

މިއީ ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އާއި ދިވެހިރާއްޖޭގެ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވުޒާރާ ގުޅިގެން "ދަ ޕްރޮމޯޝަން އޮފް ބްލޫ އިކޮނޮމީ އިން ދަ ފިޝަރީޒް ސެކްޓަރ އޮފް މޯލްޑިވްސް" ގެ ނަމުގައި ބޭއްވި ބައްދަލުވުމެކެވެ.

ރާއްޖޭގެ ކެޔޮޅުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި މަސައްކަތު ބައްދަލުވުން އޮތީ މިއަދު ހެނދުނު މީރުމާ ހޮޓަލުގައެވެ. މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި މަސްވަރިކަމާބެހޭ ވަޒީރު، އަޙްމަދު ޝިޔާމްގެ އިތުރުން ވުޒާރާގެ ޕަރމަނަންޓް ސެކެޓްރީ، ޑރ. އާމިނަތު ޝާފިއާ އަދި ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިޝިގާމީ ރުމިކޯ ބައިވެރިވެވަޑައިގެންނެވި އެވެ.

އަދ މި ޕްރޮޖެކްޓަކީ ޖައިކާ އާއި މަސްވެރިކަމާބެހޭ ވުޒާރާ ގުޅިގެން 2014 ވަނަ އަހަރުން ފެށިގެން ކުރަމުން އައި މަސައްކަތެއްކަން ފާހަގަ ކުރައްވާ، މި ޕްރޮޖެކްޓު އަދާހަމައަށް އައިސްފައިވާ ގޮތުގެ ކުރު ތަފްސީލުތައް މަސްވަރިކަމާބެހޭ ވަޒީރު، އަޙްމަދު ޝިޔާމް ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ކެޔޮޅުން ޖަޕާނަށް ގެންގޮސްގެން ޖަޕާނުގައި އެންވެރިކަން ކުރާ ގޮތް ދައްކާލާ، އެކަމުގެ ތަޖުރިބާ ހޯދައިދީފައިވާކަން ވަޒީރު ފާހަގަކުރެއްވި އެވެ.

ސަފީރުގެ ވާހަކަފުޅުގައި ވަނީ ޖަޕާނާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާނީ ގުޅުމުގެ ވާހަކަ ފާހަގަކުރައްވާ، ކުރިއަށް އޮތް ތަނުގައިވެސް ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ހަރުދަނާ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް