"ފައިނޭންޝަލް ކެޕިޓަލް" ގެ ގޮތުގައި ހުޅުމާލެ ތަރައްގީކުރަން ބޭނުން: ރައީސް

އިސްލާޙުތަކަކާއެކު އަލުން އެކުލަވާލެވުނު ހުޅުމާލޭގެ މާސްޓަރ ޕްލޭނުގެ ދަށުން، "ފައިނޭންޝަލް ކެޕިޓަލް" ގެ ގޮތުގައި ހުޅުމާލެ ތަރައްގީކުރަން ބޭނުންފުޅުވާކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ހުޅުމާލޭގެ ރިވައިޒްޑް މާސްޓަރ ޕްލޭން އިފްތިތާހުކުރުމަށް މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން، މިއަދު އިފްތިތާހުކުރި މާސްޓަރ ޕްލޭނަކީ، ދުރުރާސްތާއަށް ވިސްނިގެން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ޔަގީންކުރެވިގެންދާ ޕްލޭނެއްކަމަށް އެމަނިކުފާނު ގަބޫލުކުރައްވައެވެ. އަދި މި ޕްލޭނުގައި މިހާރު އެކުލަވާފައިވާގޮތަށް، ހުޅުމާލޭ ތަރައްގީ ކުރެވިއްޖެ ނަމަ މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ 3 ލައްކައެއްހާ ރައްޔިތުންނަށް ފެންވަރު ރަނގަޅު ދިރިއުޅުމުގެ ފުރުސަތުތަކެއް ހޯދައިދެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ފްލޭންގެ ދަށުން މިހާރު ގޯތިތައް ހަމަޖެހިފައިވާ ފަރާތްތަކަށް ގޯތިތައް ލިބި އެތަންތަން ތަރައްގީވެގެންދާއިރު އެންމެ ހިތްހަމަޖެހޭ ފަަދަ މާހައުލެއްގައި، ކުޑަކުދިން ގޮވައިގެން ނުކުމެ އުޅެލެވޭނެ ފަދަ މާހައުލެއްގައި އުޅެވޭނެ ގޮތް ފަހިވެގެންދާނެ ކަމަށާއި، ތޮއްޖެހި ހާސްކަން ބޮޑުވެފައި އޮންނަ މާހައުލެއް އެއްވެސް މީހަކު ބޭނުންވާނެ ގޮތެއް ނޫންކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގެ ފައިނޭންޝަލް ކެޕިޓަލްގެ ގޮތުގައި ހުޅުމާލެ ތަރައްގީކުރަން އެމަނިކުފާނު ބޭނުންވެވަޑައިގަންނަވަ އެވެ. މާސްޓަރ ޕްލޭންގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްގީކުރާ ބައިނަލްއަގްވާމީ މާލީ އިދާރާއަށް ބޭނުންވާ އިންފްރާސްޓްރަކްޗާއާއި އެހެނިހެން ވަސީލަތްތައް ގާއިމުކުރުން ހިމެނޭކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އެ މަަގުން ހުޅުމާލެ ތަރައްގީކުރުމަށް މަގުފަހިވެގެންދާ ކަމަށެވެ.

"ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި މިތަން ތަރައްގީކުރުމަކީ އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވާ ގޮތެއް. މާލޭގައި ވެރިކަމުގެ އެޑްމިނިސްޓްރޭޓިވް ސީޓް ގާއިމުވެފައިވާ ގޮތަށް އެއަށް ކޮމްޕްލިމެންޓްކުރަން ފައިނޭންޝަލް ސީޓަކީ ހުޅުމާލޭ ކަމަށް ހެދުމަކީ އަޅުގަނޑު އެންމެ ބޭނުންވާ ގުޅިލާމެހިފައިވާ ދެމެހެއްޓެނިވި ތަރައްގީއަކީ." ރައީސް ވިދާޅުވި އެވެ.

އެޗްޑީސީން ބުނީ މާސްޓަރ ޕްލޭން އެކުލަވާލާފައިވަނީ ހުޅުމާލޭގެ ބިމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ކުރެވޭ، ދިރިއުޅޭ މީހުންނަށް ވިޔަފާރިތަކާއި އެހެނިހެން ތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކުރެވެނޭ ގޮތަށް ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް