"ހާލު ކިހިނެއް" ޕްރޮގަރާމުގެ ދަށުން 14،000 ގޭބިސީގެ ހާލުބެލިއްޖެ: ވަޒީރު

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "ހާލު ކިހިނެއް" ޕްރޮގަރާމުގެ ދަށުން 14،000 ގޭބިސީގެ ހާލުބެލިއްޖެކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައިވަނީ، އެމްއެމް ޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި މަޢުލޫމާތު ހިއްސާކުރައްވަމުންނެވެ. އެގޮތުން، މި ޕްރޮގްރާމަކީ މުޖުތަމަޢުގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ކައިރިއަށް ގޮސް އެމީހުންގެ ހާލަތު ބަލައި، އެފަރާތްތަކަށް ކޮންމެހެން ބޭނުންވާ ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެފަރާތްތަކާއި އެހެން މުޢައްސަސާތަކާއި ގުޅުވައިގެން މިކަންކަމަށް ހައްލު ހޯދައި ދިނުމަށް ހިންގޭ ޕްރޮގްރާމެއް ކަމަށާއި، އެގޮތުން، ހާލު ކިހިނެއް ޕްރޮގްރާމުގެ ދަށުން ސޯޝަލް މިނިސްޓްރީން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، މިހާތަނަށް ގާތް ގަނޑަކަށް ރާއްޖޭގެ 14،000 ގޭބިސީއަކަށް ޒިޔާރަތްކުރެވިފައިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަމައެހެންމެ، މި ޒިޔާރަތްތަކުގައި، ވަޒީފާގެ ދަތިކަމުން، ޢާއިލާ ނިކަމެތި ހާލަތުގައި އުޅޭ ފަރާތްތަކަށް ފުދުންތެރި ޝަރަފުވެރި ދިރިއުޅުމެއް ހޯދައި ދިނުމުގެ މަޤުސަދުގައި ވަޒީފާ ދޭ ފަރާތްތަކާއި ގުޅިގެން ވަޒީފާތައް ހޯދައި ދިނުމުގެ މަސައްކަތްތައް ކުރެވެމުން އަންނަކަމުގައި ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ހާލު ކިހިނެއް ޕްރޮގްރާމަކީ، އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ތެރެއިން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގޭބީސީތަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ޙާލު ބަލައި ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް