އިމިގްރޭޝަނުގެ 50 ވަޒީފާއަށް އެދި ޖުމްލަ 861 ފަރާތަކުން އިންޓަވިއުގައި ބައިވެރިވުމަށް ހާޒިރުވި

މޯލްޑިވްސް އިިމިގްރޭޝަނުގެ 50 ވަޒީފާއަށް އެދި ޖުމްލަ 861 ފަރާތަކުން އިންޓަވިއުގައި ބައިވެރިވުމަށް ހާޒިރުވިކަމަށް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކޮށް އިމިގްރޭޝަނުން ވަނީީ، އެ އިދާރާގެ ވަޒީފާއަށް އެދި ޒުވާނުންނާއި އާންމު ރައްޔިތުން ދެއްކި ޝައުގުވެރިކަމާއި އެއްބާރުލުމަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.

އަދި އިމިގްރޭޝަން އޮފިސަރ ޓްރެއިނީގެ 50 މަގާމަށް މީހުން ހޯދުމަށް ފުރަތަމަ ފަހަރަށް ބޭއްވި ވޯކް-އިން އިންޓަވިއުތަކަށް ލިބުނީ ފާހަގަކޮށްލެވޭ ފަދަ ބޮޑު ތަރުހީބެއްލިބިފައިވާކަމަށާއި އެގޮތުން، ޖުމްލަ 861 ފަރާތަކުން އިންޓަވިއުގައި ބައިވެރިވުމަށް ހާޒިރުވެފައިވާއިރު، އިންޓަވިއުގައި ބައިވެރިވެފައިވަނީ ވަޒީފާގެ ޝަރުތު ހަމަވާ 758 ފަރާތެއްކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، މިގޮތަށް އިންޓަވިއުތައް ގެންދިއުމުގެ އެންމެ ބޮޑު މަގުސަދަކީ ވަޒީފާއަށް އައްޔަންކުރުން އަވަސްކޮށް، ދެފުށް ފެންނަގޮތަށް އިންސާފުވެރިކަމާއެކު ވަޒީފާ ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުންކަމަށާއި މި މަސައްކަތުގައި 50 އަށްވުރެ ގިނަ އޮފިސަރުން ވަނީ ބައިވެރިވެފައިކަމަށެވެ.

އަދި ވަކި ކިއުސިސްޓަމެއް ތައާރަފުކޮށް، އިންޓަވިއުގެ ނަންބަރުތައް އޮންލައިންކޮށް ބަލާލެވޭނެ އިންތިޒާމު ހަމަޖެއްސިފައިވާކަމަށާއި ދިގު ކިއުތަކެއް އޮތް ނަމަވެސް، އެންމެހާ ފަރާތްތަކުން ދެއްވި އެއްބާރުލުމާއި ކެތްތެރިކަން ފާހަގަކޮށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވާކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.

"އުއްމީދަކީ މުސްތަގުބަލުގައި އިންޓަވިއުއަށް އަންނަ ފަރާތްތަކަށް ދިމާވާ ދަތިތައް މަދުކޮށް، ކިއުގައި ގިނަވަގުތު ހޭދަކުރަން ނުޖެހޭފަދަ ގޮތަކަށް މި މަސައްކަތް އިތުރަށް ހަރުދަނާކޮށް ލުއިފަސޭހަ ކޮށްދިނުން. އިންޓަވިއުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ވެސް ކާމިޔާބަށް އެދެން" އިމިގްރޭޝަނުން ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް