ގޭންގުތަކުން ހިންގާފަދަ ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު ތަންފީޛުކުރަން ބޭނުންވަނީ ޤައުމީ މައްސަލައެއްގެ ގޮތުގައި: އޭޖީ

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު ތަންފީޛުކުރަން ބޭނުންވަނީ ޤައުމީ މައްސަލައެއްގެ ގޮތުގައި ދެކިގެން ކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބު އުޝާމް މިހެން ވިދާޅުވީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ޙާއްޞަ ރަސްމިއްޔާތުގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިއަދުގެ ރަސްމިއްޔާތުގައި ބަންޑާރަނައިބު އުޝާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވެވަޑައިގަންނަވާ ގޮތަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކުންވެސް، މި މައްސަލައަށް ޙައްލު ގެނައުމަށްޓަކައި ތައްޔާރަށް ތިބި ކަމާއި މުއައްސަސާތަކުގައި އެ ކޮމިޓްމަންޓް އޮތް ކަމަށާއި، މި ޤާނޫނު ބިލެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގައި ކަމަށެވެ.

އަދި ގާތްގަނޑަކަށް 115 ވަރަކަށް ޞަފްޙާގެ މި ބިލު ހައެއްކަ މަސްދުވަހުގެ ތެރޭގައި ތަޞްދީޤުވެގެން މިދިޔައީ، މިއީ ޤައުމީ މައްސަލައެއްގެ ގޮތުގައި ކުރެވުނު މަސައްކަތެއް ކަމުގައި ވާތީކަމަށްވެސް އުޝާމް ވިދާޅުވިއެވެ.

މީގެ އިތުރުން، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަކީ މި މައްސަލައަށް ޙައްލު ގެންނަން ބޭނުންވާ ހުރިހާ ދާއިރާތަކަށް ފޯކަސްކޮށްގެން ހުރިހާ ކަމެއް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ޤާނޫނެއް ކަމަށާއި 2010 ވަނަ އަހަރުން ފެށިގެންވެސް ގޭންގު ކުށްތައް މަނާކުރުމާބެހޭ ޤާނޫނެއް އޮތް ކަމަށާއި، އެ ޤާނޫނުގައި އުނި ކަންތައްތަކެއް ހުރުމުން ފުލުހުންގެ މުއައްސަސާއަށާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ދަޢުވާކުރުމުގައިވެސް ދަތިތަކެއް ދިމާވި ކަމަށް އުޝާމް ފާހަގަކުރެއްވިއެވެ.

ނަމަވެސް، ބަންޑާރަނައިބު އުޝާމް ފާހަގަކުރެއްވި ގޮތުގައި، މި ޤާނޫނު ތަޞްދީޤުކުރުމާއެކު އެހުރި ދަތިތަކަށް ޙައްލެއް ގެނެވުނީކަން ފާހަގަކުރައްވާ، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ މައްސަލައަށް ވަރަށް ރަނގަޅު ޙައްލުތަކެއް މި ޤާނޫނާއެކު ލިބިގެން ދާނެ ކަމުގައި ވިދާޅުވިއެވެ.

މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި، ގޭންގު ހަދައިގެން ހިންގާ ޖިނާއީ ބޮޑެތި ކުށްތައް ހުއްޓުވުމާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ދިވެހިރާއްޖޭގައި ހިންގުން ހުއްޓުވުމަށްޓަކައި، ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ހިމެނޭގޮތުން ކުށުގެ ގޮތުގައި ކަނޑައެޅޭ ޢަމަލުތައް ބަޔާންކުރުމާއި އެ ކުށްތަކުގެ އަދަބު ކަނޑައެޅުން ހިމެނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް