ގަވާއިދާ ހިލާފަށް ސިނގިރެޓް ރާއްޖެ އެތެރެކޮށްފައިވާތީ ބިދޭސީއަކު ހައްޔަރުކޮށްފި

ގާނޫނާއި ގަވާއިދާ ހިލާފަށް ދުންފަތް ރާއްޖެ އެތެރެކޮށް ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

މިކަން ހާމަކޮށް ފުލުހުން ބުނީ، މި މެއި މަހުގެ 23 ވަނަ ދުވަހުގެ ރޭ 12:15 އެހައިކަންހާއިރު ވިލިމާލެ ފުލުހުން ހިންގި މި އޮޕަރޭޝަނުގައި، ތިލަފުށި ބޯޓުޔާޑުގައި އޮތް ދޯންޏެއް ބަލައި ފާސްކުރިއިރު ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ، މެންޗެސްޓަރ ބްރޭންޑުގެ 32 ކާޓޫނު ސިނގިރެޓް ފެނިފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން އަބްދުލް ކަރީމް، ބަންގްލަދޭޝް (45އ) ވަނީ ހައްޔަރުކޮށްފައެވެ. މީނާއަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ މީހެއްކަންވެސް ފުލުހުންގެ ތަހުގީގަށް އެނގިފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް