މައުރަޒުގެ ތެރެއިން ބާއްވާ ބޮޑުބެރު މުބާރާތް މިރޭ ފަށަނީ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން ބާއްވާ ބޮޑުބެރު މުބާރާތް މިރޭ ފަށަން ތައްޔާރުވެއްޖެއެވެ.

މިއީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގެ މަޤްޞަދަކީ ރާއްޖޭގެ ތާރީޚާއި ސަގާފަތުގެ މުއްސަނދިކަން ދައްކުވައިދީ، ބޮޑުބެރުގެ ވާދަވެރިކަމުގެ ތެރެއިން ދާއިރާއަށް އައު ތަރިން ނެރުމެވެ. އަދި ދިވެހިންގެ މެދުގައި މިކަމަށް އޮތް ޖޯޝާއި ފޯރި އާލާކޮށް، ޒުވާނުންގެ ހިތްތަކުގައި މި ކަމަށް ލޯބި ޖެއްސުމަކީވެސް މި މުބާރާތުގެ މަޤްޞަދެކެވެ.

މުބާރާތުގައި ބައިވެރިވާ 6 ގްރޫޕުގެ ހުށަހެޅުންތައް ކުރިއަށް އޮތް 3 ދުވަހު ކޮންމެ ރެއަކުވެސް ހުށަހަޅާނެއެވެ. މުބާރާތް ކުރިއަށްދާނީ ކޮންމެ ރެއަކުވެސް ވަކި ވައްތަރެއްގެ ލަވަތައް ހުށަހަޅާ ގޮތަށެވެ. މިރޭ މުބާރާތް ފަށާނީ ކާށިމަޖާ ލަވަތަކުންނެވެ. މާދަމާ ރޭ ބަބުރު ލަވައަށް ހާއްސަ ކުރެވިފައިވާއިރު، 3 ވަނަ ރޭ ގްރޫޕްތަކުން ހުށަހަޅާނީ އަމިއްލައަށް އިޙްތިޔާރުކުރާ ބާވަތެއްގެ ލަވަތަކެވެ.

މުބާރާތުގައި ގްރޫޕްތަކުން ހުށަހަޅާ ލަވަތަކަށް، ވޯޓުލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާނެއެވެ. މި މުބާރާތުގެ ފައިނަލް އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. އެގޮތުން އެދުވަހުގެ ހަވީރާއި ރޭގަނޑު މުބާރާތުގެ ފައިނަލްގެ ކަންކަން ކުރިއަށްދާނެއެވެ.

މި ހުށަހެޅުންތަކަށް ވޯޓު ދޭނީ ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް