"ހޭލުންތެރި މީޑިއާ" ޕްރޮގްރާމް ކ. އަތޮޅުގައި ކުރިއަށް ގެންގޮސްފި

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްގެ ފަރާތުން ކުރިއަށްގެންދާ "ހޭލުންތެރި މީޑިއާ" ޕްރޮގްރާމް ކ. ތުލުސްދޫގައި ކުރިއަށް ގެންގޮސްފިއެވެ.

މާލެ އަތޮޅުގެ ރަށްތަކަށް، ދެ ދުވަހުގެ މުއްދަތަކަށް ހިންގި މި ޕްރޮގްރާމް އިްޔެ ނިންމާލާފައިވާއިރު، ތުލުސްދޫގެ އިތުރުން ކ. މާފުށި، ކ. ގުޅި، ކ. ހުރާ، ކ. ދިއްފުށި އަދި ކ. ހިންމަފުށި ހިމެނޭހެން 23 ބައިވެރިން އެ ޕްރޮގްރާމް ފުރިހަމަކުރިއެވެ. އަދި މި ޕްރޮގްރާމްގައި ނޫސްވެރިންގެ އިތުރުން ކައުންސިލްތަކުގެ މުވައްޒަފުންނާއި ޖަމިއްޔާތަކުން މީހުން ބައިވެރިވިއެވެ.

މި ޕްރޮގްރާމްގައި، ނޫސްވެރިކަމާއި ނޫސްވެރިކަމުގެ އަޚްލާގް ހިފެހެއްޓުމުގެ އިތުރުން ނޫސްވެރިކަމުގައި ބޭނުންކުރާ ލިޔުންތެރިކަމާއި ނޫސްވެރިކަމުގެ ތެރެއިން ދުނިޔެ ދެކެމުން އައި ތަރައްޤީގައި ރާއްޖެއަށް އައިސްފައިވާ ބަދަލުތަކާއި ތަޙްޤީގީ ނޫސްވެރިކަމުގެ އިތުރުން ތަފާތު ފިކުރުތަކުގެ ނޫސްވެރިކަމާއި ގުޅޭގޮތުން ބައިވެރިންނަށް ވަނީ މަޢުލޫމާތުދީފައެވެ.

މި ޕްރޮގްރާމްގައި ސެޝަންތައް ނަންގަވައިދިނުމަށް ދިވެހި ބަހުގެ އެކަޑެމީގެ ކުރީގެ ރައީސް އަޝްރަފް ޢަލީ އާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ބޭގުޅުންނާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ފަރާތުން ބޭފުޅުން ބައިވެރިވެޑައިގަތެވެ. މީގެ އިތުރުން ނޫސްވެރިކަމުގެ ތަޖުރިބާކާރުންނާއި، ނޫސްވެރިން ތަމްރީނުކުރުމުގައި ގިނަ އަހަރުތަކަކު ޚިދުމަތްކުރެއްވި އަޙްމަދު ނަޒީފް ވެސް ވަނީ އެ ސެޝަންތައް ކުރިއަށްގެންދަވާފައެވެ.

ޔޫތު މިނިސްޓްރީން ވަނީ މިދިޔަ އަހަރު ވެސް ހޭލުންތެރި މީޑިއާ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެ ޕްރޮގްރާމް ކުރިއަށްގެންދިޔައީ އައްޑޫ ސިޓީ ފުވައްމުލަށް ސިޓީގެ ބައިވެރިންނަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް