ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި އަދި ދަށް އެމިޝަން ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަށް މަޝްވަރާކޮށްފި

ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި އަދި ދަށް އެމިޝަން ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އެ މިނިސްޓްރީގެ ދަށުން ހިންގާ "އިންޓެގްރޭޓެޑް ސަސްޓެއިނަބަލް އެންޑް ލޯ އެމިޝަން ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް" މަޝްރޫޢުގެ ދަށުން އިއްޔެ ބޭއްވި ސްޓޭކްހޯލްޑަރުންގެ މަޝްވަރާ ބައްދަލުވުމަކީ، މާލެ ސަރަޙައްދަށް އެކުލަވާލަމުންދާ އެއްކޮށްލެވިފައިވާ ދަތުރުފަތުރުގެ މާސްޓަރ ޕްލޭން މުރާޖަޢާކޮށް ނިންމުމަށްޓަކައި ބޭއްވުނު ބައްދަލުވުމެކެވެ.

މި މާސްޓަރ ޕްލޭންގެ މަޤްޞަދަކީ ދަތުރުފަތުރުގެ ދާއިރާއިން ބޭރުކުރެވޭ ގްރީން ހައުސް ގޭސްތަކާއި ވައި ތަޣައްޔަރުވުން މަދުކުރުމުގެ ތެރެއިން ދެމެހެއްޓެނިވި އަދި ދަށް އެމިޝަން ދަތުރުފަތުރުގެ ނިޒާމެއް ކުރިއެރުވުމެވެ. މި ބައްދަލުވުމުގައި ސަރުކާރުގެ އިދާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި ގުޅުންހުރި އެހެނިހެން ފަރާތްތައް ހިމެނޭ ގޮތަށް 25 މުއައްސަސާއެއްގެ މަންދޫބުން ބައިވެރިވިއެވެ.

ބައްދަލުވުން ފެށުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ފާއިޒް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތައް ކުޑަކުރުމާއި ވައި ތަޣައްޔަރުވުން މަދުކުރުމުގައި ދަތުރުފަތުރުގެ ދާއިރާއިން އަދާކުރާ މުހިންމު ދައުރުގެ ވާހަކައެވެ.

ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ ތެރެއިން މުހިންމު މަޢުލޫމާތުތަކާއި ތަފާސްހިސާބުތައް ޞައްޙަކަން ކަށަވަރުކުރުމަށް ސްޓޭކްހޯލްޑަރުންގެ ޚިޔާލުތައް ހޯދުނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް