ކްރިމިނަލް ކޯޓުން ކުރި ބަންދު އަމުރު އިސްތިއުނާފުކޮށް، ރައުދު ވަނީ ބަންދުން ދޫކޮށްލަން އެދި ހައި ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.
އެ މައްސަލައިގައި މިއަދު ހައިކޯޓުން ދައުވާ ފޯމު ބާތިލުކޮށް، ނިންމި ނިންމުމުގައި ވަނީ އިސްތިއުނާފު މައްސަލަ ބެލުމަށް ހަމަޖެހިފައި ވަނިކޮށް، ފުލުހުންގެ ބަންދުގައި ހުރި ރައުދު މިއަދު ހެނދުނު ބަންދުން ދޫކޮށްފައިވާ ކަމަށެވެ.
ގ. އެރިޔަދޫ، ރައުދު، 21 އަށް ބަންދުގެ މުއްދަތު ހަ ފަހަރަށް އިތުރުކޮށްފައިވެ އެވެ. އެންމެ ފުރަތަމަ ފަހަރު ފަސް ދުވަހަށް އަދި ދެވަނަ ފަހަރު 10 ދުވަހަށް ބަންދުކުރި އިރު އޭގެ ފަހުން ފަސް ދުވަސް ބަންދަށް ޖެހި އެވެ. އަދި އެންމެ ފަހުން ރައުދުގެ ބަންދަށް ދީފައި އޮތީ 20 ދުވަހެވެ. ރައުދު ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ހަތަރު އަމުރެއް ނެރުނުއިރު، އޭގެ ތެރެއިން ފުރަތަމަ ދެ އަމުރު ކޯޓުގެ ވެބްސައިޓުގައި އާންމުކުރި ނަމަވެސް ފަހު ދެ އަމުރު ސައިޓަށް ލާފައެއް ނުވެ އެވެ. އެކަމާ ގުޅޭގޮތުން އެ ކޯޓުން ބުނެފައި ވަނީ ތިން ވަނަ މަޖިލިހުން ފެށިގެން ސިއްރުން އެ އަޑުއެހުންތައް ގެންދަން ނިންމާފައިވާ ކަމަށެވެ. އެ ގޮތަށް ނިންމީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކުރާ ޝަރީއަތް ސިއްރުކުރަން އޮންނަ ހާލަތްތަކަށް ރިއާޔަތްކޮށްގެން ކަމަށް ކޯޓުން ބުނެފައިވެ އެވެ.




