ރާއްޖޭގައި އޮނާއި ބެހޭ ދިރާސާއެއް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖޭގައި އޮނާއި ބެހޭ ދިރާސާއެއް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އެޓްމޮސްފިއާ ފައުންޑޭޝަން ގުޅިގެން ކުރިއަށްގެންދާ ދިރާސާއެކެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒު އާދަމެވެ. އެޓްމޮސްފިއަރ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ފައުންޑޭޝަންގެ ނައިބު ރައީސް ޢަބްދުލްޢަޒީޒް ޢަބްދުލްޙަކީމެވެ. މި ދިރާސާގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފެންނަ އޮނުގަހުގެ ބާވަތްތައް ދެނެގަނެ ގިންތިކޮށް، އޮނުގަހުގެ ސަބަބުން ބިމަށް ކުރާ އަސަރު ދެނެގަންނާނެއެވެ. އޮނަކީ ތިމާވެއްޓާ ރައްޓެހި އަދި ޖައްވުގައި އޮކްސިޖެން ލެވެލް މަތި ކޮށްދޭން އެހީ ވެދޭ ގަހަގަކަށް އެ ގަސް ވާތީއެވެ. ރާއްޖޭގައި ދަނޑުވެރިކަން ކުރާ ފަރާތްތަކުންވެސް ދަނޑުގައި ހައްދާ ބައެއް ގަސްތައް ހިފެހެއްޓުމަށް ބޭނުންކުރާ ދަގަނޑު ގެ ބަދަލުގައިވެސް އޮނު ބޭނުންކުރެއެވެ. އެމްއެންޔޫއިން ފާހަގަކުރާ ގޮތުގައި މިއީ ކާބަން މަދުކުރުމާއި ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެޅި މުހިންމު ފިޔަވަޅެކެވެ. އެޓްމޮސްފިއަރ ފައުންޑޭޝަންގެ ފަރާތުން އަންނަނީ ހދ. ވައިކަރަދޫއާއި ށ. ގޮއިދޫގައި އޮނު އާލާކުރުމުގެ ބޮޑު މަޝްރޫޢެއް ހިންގަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް