ސްކޭމްކޮށްގެން ފާއިތުވި ހަފްތާގައި އެކަނިވެސް 4 ލައްކައަށްވުރެ ގިނަ ފައިސާ ގެއްލިއްޖެ

ސްކޭމްކޮށްގެން ފާއިތުވި ހަފްތާގެ ތެރޭގައި 45 މައްސަލަ ރިޕޯޓުކޮށް ހަތަރު ލައްކަ އަށްޑިހަ އެއްހާހަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާކަން ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންޓި ސްކޭމް ސެންޓަރުން މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ސްކޭމް މައްސަލަތަކުގެ ތަފާސްހިސާބުތައް ހިއްސާކޮށްފައިވާއިރު، އެ ހިސާބުތަކުން ދައްކާގޮތުގައި އެ މުއްދަތުގެ ތެރޭގައި ޖުމްލަ45 މައްސަލަ ރިޕޯޓުކޮށް، 481،520.67 ރުފިޔާ ގެއްލިފައިވާއިރު 383,610.08 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ.

އެންޓި ސްކޭމް ސެންޓަރުން ބުނިގޮތުގައި، އެންމެ ގިނައިން ހިންގާފައިވަނީ އީ-ކޮމާސް ސްކޭމްތަކެވެ. އެގޮތުން އެބާވަތުގެ 26 މައްސަލަ ހުށަހަޅާފައިވެއެވެ.

އަދި އެންމެ ގިނައިން ސްކޭމަރުން ބޭނުންކޮށްފައިވަނީ ފޭސްބުކް މާކެޓްޕްލޭސްއެވެ. ފޭސްބުކް މާކެޓްޕްލޭސް 20 މައްސަލަ އެންޓި ސްކޭމް ސެންޓަރަށް ފާއިތުވި އެއް ހަފްތާގެ ތެރޭގައި ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ބޭރު ފައިސާ މާރުކުރުމުގެ ސްކޭމްގެ 10 މައްސަލައާއި ފޯނު މެދުވެރިކޮށް ހިންގާ ސްކޭމްގެ 5 މައްސަލައަކާއި އިމްޕާރސަނޭޝަން، ފިޝިންގ، ރޮމޭންސް ސްކޭމް އަދި ފައިސާ ޖަމާކުރުމުގެ  ކޮންމެ ބާވަތަކުން 1 މައްސަލަ ވަނީ ހުށަހެޅިފައެވެ.

ސްކޭމްކުރުމަށް ބޭނުންކޮށްފައިވާ އެހެނިހެން ވަސީލަތްތަކުގެ ތެރޭގައި ވައިބަރ (9 މައްސަލަ)، ފޯނު ކޯލް (6 މައްސަލަ)، އައިބޭ، މެސެންޖަރ، ޓެލެގްރާމް، އިންސްޓަގްރާމްއާ ގުޅޭ މައްސަލަތައްވެސް ހިމެނެއެވެ.

މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް އިތުރަށް ސަމާލުކަން ދިނުމަށް އެދި އެންޓި ސްކޭމް ސެންޓަރުން ވަނީ ޝައްކު ހިތުގައި އުފެދޭނަމަ، ޔަޤީންކުރުމަށްވެސް އެ ސެންޓަރުން ވަނީ އެދިވަޑައިގެންފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް