އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ކްލަބްތަކަށް ޚާއްސަ އެވޯޑެއް ދޭން އެޗްއާރސީއެމްއިން ނިންމައިފި

ހިއުމަން ރައިޓްސް ކްލަބްތަކުންނާއި އެ ކްލަބްތަކުގެ ދަރިވަރުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން 2 އެވޯޑެއް ތަޢާރަފުކޮށްފިއެވެ.

އެ އެވޯޑުތަކަކީ "ބެސްޓް ހިއުމަން ރައިޓްސް ކްލަބް 2024-2025" އެވޯޑް އަދި "ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް 2024-2025" އެވެ.

މިކަން ހާމަކޮށް އެޗްއާރްސީއެމްއިން ބުނީ އެ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.

މި ދެ އެވޯޑް ދެވޭނީ ކޮންމެ ދިރާސީ އަހަރެއްގެ އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ހާސިލުކޮށްފައިވާ އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސް ކްލަބަކަށާއި ހިއުމަން ރައިޓްސް ކްލަބްގެ ދަރިވަރަކަށް ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.

މި ދެ އެވޯޑް ދިނުމުގެ މައިގަނޑު މަޤްޞަދަކީ އިންސާނީ ޙައްޤުތަކަށް ސްކޫލްތަކުގެ ދަރިވަރުން އަޙުލުވެރިކުރުވައި، މުސްތަޤްބަލްގައި ހިއުމަން ރައިޓްސް ޑިފެންޑަރުންގެ ގޮތުގައި މަސައްކަތްކުރާނެ ދަރިވަރުންތަކެއް އުފެއްދުމަށް ބާރުއެޅުމެވެ.

އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން  19ޖޫން 2025ގެ ނިޔަލަށް ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ގާއިމްކުރެވިފައިވާ ހިއުމަން ރައިޓްސް ކްލަބްތަކަށާއި އެ ކްލަބް ތަކުގެ ދަރިވަރުންނަށް ވަނީ ހުޅުވާލާފައެވެ.

މި އެވޯޑަށް ކުރިމަތިލުމަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް، އެވޯޑަށް ހޮވުމުގައި ބަލާނެ މިންގަނޑު، އަދި އިތުރު މައުލޫމާތު ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް