ގާޒާގެ ސިއްޙީ ނިޒާމަށް ދެމުންދާ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ރާއްޖެއިން ގޮވާލައިފި

ޣައްޒާގެ ޞިއްޙީ އެހީތެރިންނަށާއި ޞިއްޙީ ޚިދުމަތްދޭ ތަންތަނަށާއި އަދި އެމްބިއުލާންސްތަކަށް އަމާޒުކޮށް އިސްރާއީލުން ދެމުންދާ ލާއިންސާނީ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ރާއްޖެއިން ގޮވާލައިފިއެވެ.

ދުނިޔޭގެ ޞިއްޙަތާ ބެހޭ އެންމެ ބޮޑު ބައްދަލުވުން ކަމަށްވާ 78 ވަނަ "ވޯލްޑް ހެލްތު އެސެމްބްލީ"ގައި ފަލަސްތީނާއި ގުޅޭ އިންޓަވެންޝަންގައި ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޛިމް އިބްރާހީމް ވަނީ ގާޒާގެ ރައްޔިތުންނަށް ބައިނަލްއަޤުވާމީ ޤާނޫނުތަކުން ލިބިދޭ ޙިމާޔަތާއި ރައްކާތެރިކަން ގާޒާ ގެ ރައްޔިތުންނަށް ކަށަވަރުވަމުން ނުދާކަމަށާއި އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އަދި ގާޒާގެ ސިއްޙީ ނިޒާމު ސުންނާފަތިކޮށްލައި، އެތައް ހާސްބައެއްގެ ގެދޮރު ނެތިކޮށްލައި، ޞިއްޙީ ފަރުވާދޭ ތަންތަނަށާއި، ޞިއްޙީ އެހީތެރިންނަށް އަމާޒުކޮށްދެމުންދާ ހަމަލާތަކާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަޅަމުންދާ ހުރަސްތަކާއިމެދު ރާއްޖެއިން އިންތިހާއަށް ކަންބޮޑުވާކަމަށާއި އަދި މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ދިރިހުރުމަށް ބޭނުންވާ އެންމެ އަސާސީ ހައްގުތަކުން ޣައްޒާގެ ރައްޔިތުން މަހުރޫމްވެފައިވާކަމަށް މިިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުނ، އިސްރާއީލުން ޣައްޒާގެ ނަސްލު ނައްތާލުމަށް ދެމުންދާ ޙަމަލާތައް ރާއްޖެއިން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވަމުން މިނިސްޓަރު ވަނީީ، ވަގުތުން ވަގުތަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ފަހިކޮށް، ކާބޯތަކެއްޗާއި ތެލާއި، މެޑިކަލް ސަޕްލައި އެތެރެކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ގޮވާލައްވާފައެވެ. އޭގެތެރޭގައި ނަފްސާނީ އެހީތެރިކަމާއި، ކުޑަކުދިންގެ ޞިއްޙަތާއި ގުޅުންހުރި މުހިންމު ކަންކަމާއި، ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ދެވޭނެ މަގުފަހިކުރުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިނިސްޓަރުގެ ތަޤްރީރުގައިވަނީ ޣައްޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކާއި އދ.ގެ މެމްބަރު ޤައުމުތަކަށް ގޮވާލައްވާފައެވެ. އަދި ކޮންމެ ޤައުމަކަށް އަދި ކޮންމެ ނަސްލަކަށް ނިސްބަތްވީނަމަވެސް އިންސާނީ ޙައްގުތައް ކަށަވަރުވާންޖެހޭކަމަށާއި ރާއްޖެއިން މިމައްސަލައިގައި ސާބިތުކަމާއެކު ކުރެވެން އޮތް ހުރިހާކަމެއް ކުރުމުގައި ދެމި ތިބޭނެކަމުގެ ޔަގީންކަންވެސް މިނިސްޓަރުވަނީ ދެއްވާފައެވެ. އަދި ދިވެހީން އަބަދުވެސް ފަލަސްޠީނާއެކު ތިބިކަންވެސް މިނިސްޓަރު ވަނީ ތަކުރާރުކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް