ސިނަމާލެ ބްރިޖުގައި ޖެހިޖެހިގެން ދެ އެކްސިޑެންޓު ހިނގައި 3 މީހަކަށް އަނިޔާވެއްޖެ

ސިނަމާލެ ބްރިޖުގައި ޖެހި ޖެހިގެން 2 އެކްސިޑެންޓު ހިނގައި 3 މީހަކަށް އަނިޔާވެއްޖެއެވެ.

މިކަން ހާމަކޮށް ފުލުހުން މީޑިއާއަށް ރޭ ފޮނުވި މެސެޖެއްގައި ވިދާޅުވީ، ސިނަމާލެ ބްރިޖުގައި މަޑުކޮށްގެން އޮތް ކާރެއްގެ ފަހަތުގައި 2 ސައިކަލު ޖެހި އެކްސިޑެންޓުވި މައްސަލައެއް ރޭ 9:48 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.

އެގޮތުން، އެ އެކްސިޑެންޓު ހިނގާފައިވަނީ ސައިކަލެއް މަޑުކުރުމުން ފަހަތުން އައި އެހެން ސައިކަލެއް އެ ސައިކަލުގައި ޖެހި، ހަތަރު ސިގްނަލް ޖައްސައިގެން މަޑުކޮށްގެން އޮތް ކާރެއްގައި އެ ދެ ސައިކަލު ޖެހިގެންކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާކަމަށެވެ. އަދި އެ އެކްސިޑެންޓުގައި 2 މީހަކަށް އަނިޔާވެފައިވާކަމަށް ފުލުހުން މައުލޫމާތުދެއްވިއެވެ.

ދެވަނަ އަށް ހިނގި އެކްސިޑެންޓަކީ، ފުރަތަމަ އެކްސިޑެންޓު ހިނގުމުން ޓްރެފިކް ފްލޯ ހުއްޓިފައި އޮތް ވަގުތު ކާރެއްގެ ފަހަތުގައި ސައިކަލެއް ޖެހި ހިނގާފައިވާ އެކްސިޑެންޓެއްކަމަށާއި، އެ އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވި މީހާގެ ފައިގެ ފަލަމަސްގަނޑު ބިންދައިގެންގޮސް އިތުރު އަނިޔާތައް ވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި މި ދެ އެކްސިޑެންޓު ފުލުހުން ދަނީ ތަހުޤީޤުކުރަމުންކަމަށާއި، މި 2 އެކްސިޑެންޓުގައި އަނިޔާވި 3 މީހުންނަށް މިހާރު ފަރުވާދެމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް