މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް އެކުލަވާލެވޭ މާލީ ވަޞީލަތްތައް އިޞްލާޙުކުރުމަށް ރާއްޖެއިން ގޮވާލައިފި

ކަނޑުގެ ނަސްލުތައް ދެމެހެއްޓުމާއި މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް އެކުލަވާލެވޭ މާލީ ވަޞީލަތްތައް އިޞްލާޙްކުރުމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފު ދެއްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕެސިފިކް ފޯރަމުން ކުރިއަށް ގެންދިޔަ ހޮނުލުލޫ އިންޓަނޭޝަނަލް ފޯރަމް (އެޗް.އައި.އެފް) ގައި ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނުގެ ވާހަަކަފުޅުގައި، ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި އިންޑޯ-ޕެސިފިކް ސަރަޙައްދުގައި، ޕެސިފިކް ފޯރަމުން ކޮށްފައިވާ މަސައްކަތްތަކަށް ވަނީ ތަޢުރީފްކުރައްވާފައެވެ. އަދި، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ކުދި، ތަރައްޤީވަމުން އަންނަ ޖަޒީރާ ޤައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެެވެ.

ރާއްޖޭގެ ބޮޑު ބަޔަކީ ކަނޑުގެ ދިރުމަށް ބަރޯސާވެފައިވާ ޤައުމަކަށްވުމުން، ގައު ހުދުވުން، ކަނޑުގެ ލޮނުގަނޑު އުފުލުން، އަދި ކަނޑުގެ އޮޔަށް ބަދަލު އައުން ފަދަ ކަންކަމުގެ ސަބަބުން ރާއްޖެއަށް އަގު ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ވަމުންދާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އެގޮތުން، ނޫއިޤްތިޞާދެއް ކުރިއަރުވައި، މަސްވެރިކަމާއި، ކަނޑުގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމާއި، ކަނޑުގެ ސަރަޙައްދުތައް މެނޭޖްކުރުމަކީ ރާއްޖެއިން އަބަދުވެސް އެކަމަކަށް ވަކާލާތުކުރަމުންދާނޭ ކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް، މިފަދަ މަޝްރޫޢުތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ބައިނަލްއަޤްވާމީ މާލީ އެހީތެރިކަން ބޭނުންވާ މަޝްރޫޢުތަކެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ނައިބު ރައީސް ވަނީ، ޖީ.ޑީ.ޕީ. އަށް ބަރޯސާވެގެން އެކަށައަޅާ މާލީ އެހީތެރިކަމުގެ ވަޞީލަތްތައް މުރާޖަޢާކުރުމަށް ގޮވާލައްވާފައެވެ. އަދި، ތަރައްޤީވަމުން އަންނަ، ކުދި ޖަޒީރާ ޤައުމުތަކުގެ ނާޒުކު ޙާލަތު ވަޒަންކޮށް، އެ ޙާލަތްތަކުގެ މައްޗަށް އެކުލަވާލެވޭ އޮނިގަނޑަކަށް މާލީ ވަޞީލަތްތައް ބަދަލުކުރުމާއި ކޮންސެޝެނަލް އިންސްޓްރޫމަންޓާއި ދަރަނި ލުއިކޮށްދޭ ވަޞީލަތްތަަކަށް އަމާޒު ބަދަލުކުރުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ ނޫއިޤްތިޞާދާއި ކްލައިމެޓް ފައިނޭންސިންގގެ މައްޗަށް ބައްލަވާލައްވައި، ޤައުމުތަކުގެ ކުރިމަގާއި، ޤައުމިއްޔަތު ދެމެހެއްޓުމާއި، ވިލުންވެރި ކުރިމަގެއް ދެމެހެއްޓުމުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލައްވަމުންނެވެ.

ހޮނުލުލޫ އިންޓަނޭޝަނަލް ފޯރަމަކީ މަހަކު އެއް ފަހަރު ބާއްވާ ފޯރަމެކެވެ. އިންޑޯ-ޕެސިފިކް ސަރަޙައްދުގެ ސިޔާސީ، އިޤްތިޞާދީ އަދި ސަލާމަތީ މައްސަލަތަކަށް ޙައްލު ހޯދުމަށް ބާއްވާ މި ފޯރަމްގައި ދާއިރާތަކުގެ ތަޖުރިބާކާރުންނާއި ސިޔާސަތު އެކުލަވާލާ ފަރާތްތައް ބައިވެރިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް