މަތިވެރީގައި ގުރުއާން ހިތުދަސްކޮށް ހާފިޒުކަމުގެ ސަނަދު ހޯދާ ކޮންމެ ކުއްޖަކަށް 50،000 ރުފިޔާގެ އިނާމެއްދޭން ނިންމައިފި

އއ. މަތިވެރީގައި ގުރުއާން ހިތުދަސްކޮށް ހާފިޒުކަމުގެ ސަނަދު ހާސިލުކުރާ ކޮންމެ ކުއްޖަކަށް 50،000 ރުފިޔާގެ އިނާމެއްދޭން އެރަށު ކައުންސިލުން ނިންމައިފިއެވެ.

މި ނިންމުމާ ގުޅޭ ގޮތުން މަތިވެރީ ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް ވިދާޅުވީ، ރަށުގެ ތަރައްގީގެ ޕްލޭންގައި ހާފިޒުން އުފެއްދުން ހިމެނިފައިވާ ކަމަށާއި އެގޮތުން "ގުރުއާންގެ އިލްމު ކުރިއަރުވައި އެ ކުދިންނަށް ހިތްވަރު ދިނުން" އަކީ އެ ޕްލޭންގައި ހިމެނޭ ޕްރޮގްރާމެއްގެ މައިގަނޑު މަގުސަދު ކަމަށެވެ.

މި ވަގުތު މަތިވެރީގައި އެއްވެސް ހާފިޒަކު ނެތް ނަމަވެސް، ދެ ކުއްޖަކު ވަނީ ގުރުއާން ހިތުދަސްކޮށް މުރާޖައާކުރުމުގެ މަރުހަލާގައި އެވެ. އެހެންކަމުން މި އަހަރު ތެރޭގައި ރަށުގެ ފުރަތަމަ ދެ ހާފިޒުން އުފެދޭނެ ކަމަށް ބެލެވެ އެވެ.

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި މިހާރު ތިބީ 266 ހާފިޒުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 126 އަންހެން ހާފިޒުންނާއި 140 ފިރިހެން ހާފިޒުންނެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ހާފިޒުކަމުގެ ސަނަދު ހާސިލްކުރާ ކުދިންގެ އަދަދު 1،000 އަށް އިތުރު ކުރުމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް