މުލި - ނާލާފުށި ކޯޒްވޭގެ ޢަމަލީ މަސައްކަތް ރައީސް ފަށްޓަވައިދެއްވައިފި

މ. މުލި އާއި އެ ރަށާ ޖެހިގެން އޮންނަ ނާލާފުށި ގުޅާލުމަށް ހަދާ ކޯޒްވޭގެ ޢަމަލީ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފައްޓަވައިދެއްވައިފިއެވެ.

މިއީ 125.58 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި 600 ދުވަހުގެ ތެރޭގައި މި މަޝްރޫޢުގެ މަސައްކަތް ކުރުމަށް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި އެވެ.

މުލީ އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ދެ ރަށް ގުޅުވާލުމަކީ އިޤްތިޞާދީ މަސައްކަތެއް ކަމަށާއި، މި މަޝްރޫޢުގެ ސަބަބުން ދެ ރަށުގެ ރައްޔިތުންނަށް ވެސް ފައިދާ ކުރާނެ ކަމަށެވެ.

"ނާލަފުށީގެ ރައްޔިތުންނަށް ނުލިބޭ ޚިދުމަތްތަކެއް ލިބޭނެ. ދެ ރަށުގެ ރައްޔިތުންނަށް ވެސް ފައިދާ އެބަވޭ" ރައީސް ވިދާޅުވިއެވެ.

655 މީޓަރުގެ ދިގު މި ކޯޒްވޭގެ މަޝްރޫޢުގައި 112 މީޓަރުގެ ރިވެޓްމެންޓް އަދި 15 މީޓަރުގެ ގްރޮއިން ޖެހުން ހިމެނެއެވެ. މީގެ އިތުރުން މަގު ހެދުމާއި، ތާރު އެޅުމާއި، މަގު ބައްތި ޖެހުން ވެސް މި މަޝްރޫޢުގައި ހިމެނެއެވެ.

ކޯޒްވޭގެ މަސައްކަތް ފެށުމަށްފަހު، ރައީސްގެ މި ދަތުރުފުޅުގައި، އެމަނިކުފާނު ވަޢުދުވެ ވަޑައިގެންފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އެ ރަށުގައި ގަސް އިންދުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންދެވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް