ކޭލަކުނާއި ފަރުކޮޅުގައި ނޭޗަރ ޕާކު ގާއިމުކުރުމަށް އެމްޓީޑީސީއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އާއި މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމް.ޓީ.ޑީ.ސީ) އާ ދެމެދު، ހދ. ކޭލަކުނު އަދި ށ. ފަރުކޮޅުގެ ޙިމާޔަތްކޮށްފައިވާ ސަރަޙައްދުގައި ނޭޗަރ ޕާކު ގާއިމުކުރުމުގެ މަޝްރޫޢު ތަންފީޛުކުރުމުގެ ފަހުމުނާމާގައި މިއަދު ސޮއި ކުރައްވައިފިއެވެ.

ހދ. ކޭލަކުނު އަދި ށ. ފަރުކޮޅަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކަކަށް ވުމާއެކު، މި މަޝްރޫޢުގެ ދަށުން މި ދެ ސަރަހައްދުގައި ނޭޗަރ ޕާކުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ، ޤުދްރަތީ ނުވަތަ ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދާއި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު ދަށުން އެކުލާވާލާފައިވާ އެހެން ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ވަނީ މަޢުލޫމާތުދެއްވާފައެވެ.

މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅު ތަކުގެ ތެރެއިން އުތުރުގެ ސަރަހައްދުތަކުގައި ފަތުރުވެރިކަން ފުޅާ ކުރުމާއި، ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކް ޤާއިމްކުރުމުގެ މަސައްކަތާއި ގުޅިގެން ކުރެވޭ މަސައްކަތެކެވެ.

މި މަޝްރޫޢުގެ ދަށުން ޕްލޭންކޮށްފައިވާ މަސައްކަތްތައް ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޓެކްނިކަލް ލަފައާއި އެއްގޮތްވާ ގޮތުގެ މަތިން 4 މަރުހަލާއަކަށް ބަހާލައިގެން 1 އަހަރު ދުވަހުގެ މުއްދަތަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް