ރައްޔިތުން އެދޭ ގޮތަށް ނޫނީ ކަންތައް ކުރުމުގެ ވިސްނުމެއް ނެތް، އެ ނޫން ޒިންމާއެއް ނެތް: ރައީސް

ރައްޔިތުން އެދޭ ގޮތަށް ނޫނީ ކަންތައް ކުރުމުގެ ވިސްނުމެއް ނެތްކަމަށާއި އަދި އަޅުގަނޑުގެ އެ ނޫން ޒިންމާއެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މ. މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން، ކޯޒްވޭއަކުން މ. މުލަކާއި އެ އަތޮޅު ނާލާފުށި ގުޅާލުމުގެ މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ މިދަތުރުފުޅުގެ ތެރެއިން ކޯޒްވޭ އެޅުމުގެ ޢަމަލީ މަސައްކަތްތައް ފެށިގެންދާއިރު، 2026 ވަނަ އަހަރުގެ ބަޖެޓްގެ ތެރެއިން މ. ނާލާފުށީ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑްކޮށް ބޮޑުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންގޮސްދެއްވާނެކަމަށެވެ.

އަދި މި ހިނގާ 2 އަހަރަކީ، ތަރައްޤީގެ އަމަލީ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށް ގެންދަވާ، ރައްޔިތުންނަށް ނަތީޖާ ނެރެދެއްވާނެ ދުވަސްތަކެއްކަން ރައީސް ޔަޤީންކޮށްދެއްވިއެވެ.

ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސަވައިދެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އުފަލެއް ކަމަށާ، އެމަނިކުފާނަކީ ރައްޔިތުންގެ ޚާދިމެއް ކަމުގައި ވިދާޅުވެ، ރައީސްގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، މިއަދު ހުޅުވިގެންދިޔަ މުލީ އެއާޕޯޓްގެ ނަތީޖާ، މާތް ﷲގެ އިރާދާފުޅާއެކު ރަނގަޅުވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ. ރައްޔިތުން އެދޭ ކަންކަން، އެގޮތަށް ކޮއްދެއްވުން ނޫން ވިސްނުންފުޅެއް އަދި ޒިންމާއެއްވެސް އެމަނިކުފާނަށް ނެތް ކަމުގެ ޔަޤީންކަން، ރައީސް ވަނީ ދެއްވާފައެވެ.

މ. މުލީ ބިން ހިއްކުމުގެ މަޝްރޫޢުގައި ސޮއިކުރެވުނީ ރައީސް، އޭރުގެ ސަރުކާރުގައި ވަޒީރެއްގެ ގޮތުގައި ހުންނަވައިގެން 2014 ވަނަ އަހަރުއެވެ. މިއަދު މުލީގައި ފުރިހަމަ އެއާޕޯޓެއް ތަރައްޤީކޮށް، ރަސްމީކޮށް ހުޅުވިގެންގޮސްފައި ވަނީ ރައީސްގެ ދުރުވިސްނުންފުޅާއި ޚާއްޞަ އިރުޝާދުގެ ދަށުންނެވެ. އެއާޕޯޓް އޮޕަރޭޝަނަށް ގެނައުމަށް ބޭނުންވާ ވަޞީލަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށް ގެންދެވުމުގެ އަމަލީ މަސައްކަތްތައް، އައު އެއްބަސްވުމެއްގެ ދަށުން އަލުން ފެށުނީ 2024 ވަނަ އަހަރުގައެވެ.

މުލީ އެއާޕޯޓަކީ ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވައިގެން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީއާ ޙަވާލުކުރައްވައިގެން ހަލުވި ދުވެލީގައި ނިންމެވި ފުރިހަމަ މަޝްރޫޢެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް