މުލީ އެއާޕޯޓާއެކު އިޤުތިޞާދީ ގޮތުންވެސް އެ އަތޮޅަށް ގިނަ ދޮރުތަކެއް ހުޅުވިގެންދާނެ: ނާޒިމް

މުލީ އެއާޕޯޓާއެކު އިޤުތިޞާދީ ގޮތުންވެސް އެ އަތޮޅަށް ގިނަ ދޮރުތަކެއް ހުޅުވިގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ، މ. މުލީ އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، މުލީ އެއަރޕޯޓާއެކު އިޤުތިޞާދީ ގޮތުން ގިނަ ދޮރުތަކެއް ހުޅުވި މުލަކަތޮޅަށް ފާގަތިކަން ލިބޭނެކަމަށް ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ، ވެރިކަން ބަދަލުވިއިރު، ހުޓިފައިއޮތް އެއަރޕޯޓުގެ މަސައްކަތް އަލުން ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި އަހަންމިއްޔަތުކަން މިއަދު ފާހަގަކުރަންޖެހޭ ކަމަށެވެ.

އަދި އެއަރޕޯޓަށް ބޭނުންވާ ވަޞީލަތްތައް ހޯދުމުގައި ދިމާވި ދަތިތައް ހައްލުކޮށްދެއްވުމަށް ރައީސް ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށާއި މ. އަތޮޅުގައި އެއަރޕޯޓެއް ނެތުމުން ދަތުރުފަތުރުގެ ދާއިރާއިން އަތޮޅުގެ ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވެފައިވީ ނަމަވެސް އެއަރޕޯޓާއެކު އިތުރު ފަސޭހަތައްލިބި، އިޤުތިޞާދީ ގޮތުންވެސް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން، މީހަކު ބަލިވެގެން އިތުރު ފަރުވާއަށް މާލެ ގެންދަންޖެހިއްޖެނަމަ ކުރިންނަމަ ގެންދަންޖެހެނީ ލޯންޗެއްގައިކަމަށާއި، އެކަމަށްވެސް މި އެއާޕޯޓުގެ ސަބަބުން ލުޔެއް ލިބޭނެކަމަށް ނާޒިމް ވިދާޅުވިއެވެ.

"ދެން މި އަތޮޅުގައި މިހާރު އެއް ފަޅެއްގައި އެބައޮވޭ މިތާ ކައިރީ 2 ރިސޯޓު. އަދިވެސް އެއް ރިސޯޓު ތަރައްޤީކުރަމުންދަނީ. އެހެންވީމަ އިޤުތިޞާދީ ގޮތުންވެސް ގިނަ ދޮރުތަކެއް ހުޅުވިގެންދާނެ" ނާޒިމް ވިދާޅުވިއެވެ.

އެއަރޕޯޓުގެ މުލަކު އަތޮޅުގައި ނުވަތަ އެ ސަރަހައްދުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ކުރިއަށްދާކަމަށާއި އަދި ރައީސް މުޢިއްޒުގެ މި 5 އަހަރުގެ ތެރޭގައި މ. އަތޮޅަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށް އުންމީދުކުރައްވާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

މ. އަތޮޅުގައި އެއަރޕޯޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެއެވެ. މުޅި މަޝްރޫޢު ނިންމާ ޚިދުމަތް ދޭން ފުރަތަމަ ޕްލޭންކުރީ 2023 ވަނަ އަހަރުގެ މެދުތެރޭގައެވެ. ނަމަވެސް މަސައްކަތްތައް ލަސްވުމާ ގުޅިގެން އެންމެ ފަހުން ތާވަލު ކުރީ މިއަހަރުގެ މެދުތެރޭގައި ޚިދުމަތް ފެށޭ ވަރަށް ނިންމުމަށެވެ.

މުލީ އެއާޕޯޓުގައި ތަރައްޤީކޮށްފައިވަނީ 1200 މީޓަރު ދިގު، 30 މީޓާރު ފުޅާ ރަންވޭއެކެވެ. މިއީ އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއާޕޯޓަކަށްވާއިރު، މިއީ ސަރުކާރުން 221 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގި މަޝްރޫޢުއެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް