ޕާސްޕޯޓަށް ރައްކާތެރިވުމުގެ ގޮތުން ބައެއް ކަންކަމަށް ސަމާލުކަންދިނުމަށް އިމިގްރޭޝަނުން އެދިއްޖެ

ދިވެހި ޕާސްޕޯޓަށް ރައްކާތެރިވުމުގެ ގޮތުން ބައެއް ކަންކަމަށް ސަމާލުކަންދިނުމަށް މޯލްޑިވްސް އިމިގްރޭޝަނުން އެދިވަޑައިގެންފިއެވެ.

އެގޮތުން އިމިގްރޭޝަނުން ވިދާޅުވީ، ޕާސްޕޯޓަކީ ދަތުރުފަތުރު ކުރުމަށް ގެންގުޅޭ ސެކިއުރިޓީ ޑޮކިއުމަންޓެއްކަމުން، ޕާސްޕޯޓު އަބަދުވެސް ރައްކާތެރިކަމާއެކު ގެންގުޅުމަކީ މުހިންމު ކަމެއްކަށެވެ. އަދި މުއްދަތު އޮތް ޕާސްޕޯޓެއް ގެއްލިޖެނަމަ ޖޫރިމަނާ ކުރެވޭނެކަމަށްވެސް އިމިގްރޭޝަނުންވަނީ ބުނެފައެވެ.

އަދި ގޭތެރޭގައި ކުޑަކުދިންގެ އަތްފޯރާ ހިސާބުގައި ފާސްޕޯޓް ނުބެހެއްޓުމަށާއި ކުޑަކުދިން އަތުން ބައެއް ފަހަރު ޕާސްޕޯޓުގައި ކުރެހި ނުވަތަ ގަނޑުތައް ވީދިފައި ހުންނާތީ އެކަމަށް ސަމާލުވުމަށްވެސް އިމިގްރޭޝަނުން އެދިވަޑައިގަތެވެ.

މީގެ އިތުރުން، އަތްދަބަސް ފަދަ ތަކެތީގައި އަބަދު ޕާސްޕޯޓު ނުބެހެއްޓުމަށާއި ބައެއް ހާލަތްތަކުގައި ދަބަސް ގެއްލި ނުވަތަ ތެމިގެން ވެސް ޕާސްޕޯޓު ހަލާކުވާކަމަށާއި، ގެދޮރު ބަދަލުވާއިރު ޕާސްޕޯޓަށް ރައްކާތެރިވުމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.

އަދި ބައެއް ހާލަތްތަކުގައި ޕާސްޕޯޓް ލެވޭތަނެއް ނޭނގި ގެއްލިގެން އެކި ފަރާތްތަކުން ރިޕޯޓްކުރާކަމަށްވެސް އެ އިދާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެއަކީ، ދެކުނު އޭޝިއާ ސަރަޙައްދުގެ އެންމެ ބާރު ގަދަ ޕާސްޕޯޓުގެ މަޤާމު ޖެހިޖެހިގެން 6 ވަނަ އަހަރު ދަމަހައްޓާފައިވާ ޤައުމަކަށްވާއިރު، "ހެންލީ ޕާސްޕޯޓް އިންޑެކްސް"އިން ދައްކާގޮތުގައި ރާއްޖެ އޮތީ ދުނިޔޭގެ ރޭންކިންގެ 53 ވަނައިގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް