މުލަކު އަތޮޅުގައި ތަރައްގީކުރި ފުރަތަމަ އެއާޕޯޓް، މ. މުލި އެއާޕޯޓު މިއަދު ރަސްމީކޮށް ހުޅުވައިފި

މުލަކު އަތޮޅުގައި ތަރައްގީކުރި ފުރަތަމަ އެއާޕޯޓް، މ. މުލި އެއާޕޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.

މި އެއަރޕޯޓު ރަސްމީކޮށް ހުޅުވައިދެއްވީ އެކަމަށްޓަކާ މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ރަސްމިއްޔާތުގައި ދަޢުލަތުގެ ބައެއް ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންނާއި، ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ މުއްޔަށް ވަޑައިގަތުމުން، އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މުލީ އެއަރޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މުލީ ރައްޔިތުންގެ ފަރާތުންނާއި މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމްޓީސީސީގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޚާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ. މި ރަަސްމިއްޔާތުގައި މުލީގެ ގިނަ އަދަދެއްގެ ރައްޔިތުންވެސް ވަނީ ބައިވެރިވެފައެވެ.

މ. އަތޮޅުގައި އެއަރޕޯޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެއެވެ. މުޅި މަޝްރޫޢު ނިންމާ ޚިދުމަތް ދޭން ފުރަތަމަ ޕްލޭންކުރީ 2023 ވަނަ އަހަރުގެ މެދުތެރޭގައެވެ. ނަމަވެސް މަސައްކަތްތައް ލަސްވުމާ ގުޅިގެން އެންމެ ފަހުން ތާވަލު ކުރީ މިއަހަރުގެ މެދުތެރޭގައި ޚިދުމަތް ފެށޭ ވަރަށް ނިންމުމަށެވެ.

މުލީ އެއާޕޯޓުގައި ތަރައްޤީކޮށްފައިވަނީ 1200 މީޓަރު ދިގު، 30 މީޓާރު ފުޅާ ރަންވޭއެކެވެ. މިއީ އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއާޕޯޓަކަށްވާއިރު، މިއީ ސަރުކާރުން 221 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢުއެކެވެ.

މުލީ އެއާޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ނިމި، ފުރަތަމަ ޓެސްޓް ފްލައިޓް އެ އެއާޕޯޓުގެ ރަންވޭގައި ޖައްސާފައިވަނީ މިދިޔަ މަހުއެވެ.

މުލަކަތޮޅަކީ ރާއްޖޭގައި އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރޭގައި ހިމެނޭ އަތޮޅެކެވެ. އެ އަތޮޅުގައި މީހުން ދިރިއުޅޭ 8 ރަށް އޮންނައިރު، އަތޮޅުގެ އާބާދީ އުޅެނީ 8000 އިން ދަށުގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް