ކިރިބަތީގެ ޕާލިމެންޓް ވަފުދެއް މިނިސްޓަރ ޠާރިޤް އިބްރާހިމް އާއި ބައްދަލުކުރައްވައިފި

ކިރިބަތީގެ ޕާލިމެންޓުން ވަޑައިގެންނެވި ޚާއްޞަ ވަފުދެއް  މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، ޠާރިޤް އިބްރާހީމްގެ އަރިހަށް އިޚްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ޒިޔާރަތުގައި، ދެ ޤައުމުގެ މެދުގައި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމާއި ފަތުރުވެރިކަމުގެ ދާއިރާގައި އެއްބާރުލުން އިތުރުކޮށް، ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

އަދި މިއީ ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ފުރުޞަތެއްކަމަށާއި، ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އިސްނެގުންތަކުން ލިބިފައިވާ ތަޖުރިބާތައް ކިރިބަތީގެ ވަފުދާވަނީ ޙިއްސާކޮށްފައެވެ.

ދިވެހިރާއްޖެއިން މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް ކުރަމުންދާ މަސައްކަތްތަކަކީ ކިރިބަތީ ފަދަ ޖަޒީރާ ޤައުމުތަކަށް ނަމޫނާއެއް ކަމަށާއި އަދި ދެ ޤައުމުގެ މެދުގައި މި ދާއިރާއިން އިތުރު ތަޖުރިބާ ބަދަލުކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ކިރިބަތީގެ ވަފުދުގެ އިސް ބޭފުޅުންވަނީ ވިދާޅުވެފައެވެ.

މި މަޝްވަރާތަކުގައި ދެ ޤައުމުގެ މެދުގައި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ފުރުޞަތުތައް ހޯދުމާއި، ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ މެދުގައި އިތުރު ބައްދަލުވުންތައް ބޭއްވުމަށް އެއްބަސްވެވުނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް