ކަސްޓަމްސްއިން 164 އެސިސްޓެންޓު އޮފިސަރުން ހޯދަން އިއުލާނުކޮށްފި

މާލެ ސަރަހައްދުގައި ގާއިމުކޮށްފައިވާ ކަސްޓަމްސްގެ އޮފީސްތަކުގައި މަސައްކަތްކުރާނެ 164 އެސިސްޓެންޓު އޮފިސަރުން ހޯދަން މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އިއުލާނުކޮށްފިއެވެ.

ކަސްޓަމްސްއިން އިއްޔެ ކުރި އިއުލާނުގައި ބުނީ މާލެ ސަރަހައްދުގައި ގާއިމުކޮށްފައިވާ ކަސްޓަމްސްގެ އޮފީސްތަކުގައި މަސައްކަތްކުރާނެ 164 އެސިސްޓެންޓު އޮފިސަރުން ހޯދަން ބޭނުންވާ ކަމަށާއި އެ މަގާމުތަކަށް އެދި ހުށަހެޅޭނީ މީލާދީ ގޮތުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނަށް ކަމަށެވެ.

ކަސްޓަމްސް އިން ކުރި އިއުލާނުގައި، އެ ވަޒީފާއަށް ހޮވޭ ފަރާތްތަކަށް 5،000 ރުފިޔާގެ މުސާރައެއް ލިބޭއިރު، އަސާސީ މުސާރައިގެ 35 އިންސައްތައާއި ސާވިސް އެލަވަންސާއި ކޮއްތު ފައިސާއާއި މިނިމަމް ވޭޖު އެލަވަންސާއި އިތުރު ގަޑީގެ ފައިސާއާއި ބަންދު ފައިސާ ލިބޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އެ މަޤާމުގެ އަސާސީ ޝަރުތުތަކުގެ ތެރޭގައި ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިހާނެއްގައި ދެ މާއްދާއިން ދަށްވެގެން "ޑީ" ފާހެއް ލިބިފައިވުމާއެކު ސެކަންޑަރީ ސުކޫލް ސެޓްފިކެޓް އިމްތިހާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ހިމެނެއެވެ. އަދި ކަސްޓަމްސްއިން ކަނޑައަޅާ ބޭސިކް ފިޒިކަލް ފިޓްނެސް ޓެސްޓުން ފާސްވުން މި ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ކަސްޓަމްސް އިން ބުނީ މި ވަޒީފާތަކަށް ކަސްޓަމްސްގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށްވެސް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށާއި، އެ ވަޒީފާއަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 31 ވާ ހޮނިހިރު ދުވަހުގެ 14:00 ކަމަށެވެ.

މީގެ އިތުރުން މި ވަޒީފާއާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަަމަ 3003499 ނުވަތަ 3322001އަށް ގުޅުމަށް ކަސްޓަމްސް އިން ވަނީ އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް