އިންޑިއާގެ ހިލޭ އެހީގެ ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ ކަނޑުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބޭނެ: ވަޒީރު

އިންޑިއާގެ ހިލޭ އެހީގެ ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ ކަނޑުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތަށް 100 މިލިއަން ރުފިޔާގެ ހިލޭއެހީ ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައި، އެމްއޯޔޫއެއްގައި 2025 މެއި 18 ވަނަ ދުވަހު ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުގައި ބޭއްވުނު މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެމް.އޯ.ޔޫ ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ. ޢަބަދުﷲ ޚަލީލާއި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ކެޕްޓަން މުޙައްމަދު އަމީނެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން މި އެމް.އޯ.ޔޫ ގައި ސޮއި ކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ބާލަ ސުބްރަމާނިއަމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ އިންޑިއާގެ ފަރާތުން މި ލިބުނު ހިލޭ އެހީގެ ސަބަބުން  ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެނީ މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޒަމާނީ ފެންވަރުގެ ފެރީ ޓާރމިނަލްތައް ޤާއިމު ކުރެވިގެން ދާނެއެވެ. ހަމަ އެފަދައިން ފެރީގެ ނިޒާމުގައި ބޭނުންކުރުމަށް ރަނގަޅު ފެންވަރުގެ އުޅަނދުތައް ހޯދުމުގެ ފުރުޞަތު ފަހިވެގެން ދާނެ ކަމަށެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވަމުން އިންޑިއާގެ ސަފިރު ވިދާޅުވި އެވެ. އަދި ހަމައެހެންމެ ރާއްޖޭގެ ތަރައްޤީގެ ކަންކަންމުގައި އެހީތެރިވެ ދެއްވުމަކީ އަބަދުވެސް އިސްކަން ދެއްވާ ކަމެއް ފާހަގަކުރެއްވި އެވެ. އެހެންކަމުން މި މަޝްރޫޢަކީ އުއްމީދީ މަޝްރޫޢާކަށް ވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ސަފީރު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް