ގުޅީ ބިން ހިއްކުމުގެ މަޝްރޫޢުގެ ބޮޑުބައި ނިމިއްޖެ

ކ. ގުޅީ ބިން ހިއްކުމުގެ މަޝްރޫޢުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެކަން ހާމަކޮށް އެމްޓީސީސީން މަޢުލޫމާތު ދިންގޮތުގައި، މި މަޝްރޫޢުގެ ދަށުން ގުޅީގައި 10.15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުމަކީ އެ ކުންފުނީގެ އަމާޒެއްކަމަށްވެސް ވަނީ ބުނެފައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިއަހަރުގެ ޖެނުއަރީ މަހު ގުޅީއަށް ކުރެއްވި ދަތުރުފުޅެއްގައި، އެރަށަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވާނެކަމަށް ވެވަޑައިގެންނެވި ވަޢުދުފުޅެއް ފުއްދެވުމުގެ ގޮތުން ފެށިފައިވާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް ފެށިފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 5 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން 940 މީޓަރުގެ ހިލަ ރިވެޓްމަންޓް އަދި 362 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢާއެކު ގުޅީގެ ބިން 2 ގުނައަށް އިތުރުވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.

ކ. ގުޅިއަކީ ބިމުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާ ރަށެކެވެ. އެންމެ ފަހުން އެރަށުން ބިން ދޫކޮށްފައިވަނީ 2003 ވަނަ އަހަރުގައި ކަމަށްވާއިރު، އޭގެ ފަހުން ބިން ދޫކޮށްފައިނުވާތީ، ބޯހިޔާވަހިކަމުގެ މައްސަލަ ގުޅިއަށްވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. ގުޅީގެ ކައުންސިލުން ފާހަގަކުރައްވާ ގޮތުގައި ގުޅީގައި އަމިއްލަ ބޯހިޔާވަހިކަން ބޭނުންވާ 150 އާއި 200އާ ދެމެދުގެ އަދަދަކަށް މީހުން އެބަ ތިއްބެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް