އައިކޮމް އޮފީސް ހިންގާ އިމާރާތުގެ ހާލަތު ގޯސްވެ، އޮންލައިންކޮށް މަސައްކަތް ހިންގަން ނިންމައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފިސް (އައިކޮމް) ހިންގާ އިމާރާތް ކަމުގައިވާ ގ. ބިއްލޫރިޖެހިގޭ، ބޭނުން ނުކުރެވޭ ވަރަށް ހާލަތު ދަށްވުމުގެ ސަބަބުން މާދަމާ އިން ފެށިގެން އެ އޮފީހުން ދޭ ޚިދުމަތްތައް ކުރިއަށްގެންދާނީ އޮންލައިންކޮށްކަމަށް އެ އޮފީހުން ނިންމައިފި އެވެ.

މިކަން ހާމަކޮށް އެ އޮފީހުން ނެރުނު ޚާއްސަ އެންގުމެއްގައި ބުނީ، އޮފީސް ހިންގާ އިމާރާތުގެ ހާލަތު ހުރި ގޮތުން އެ އޮފީހުގައި މަސައްކަތް ކުރެވޭ ފަދަ މާހައުލެއް މި ވަގުތު ނެތް ކަމަށާއި އެހެންކަމުން، މާދަމާއިން ފެށިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މަސައްކަތްތައް ހިންގާނީ އޮންލައިންކޮށްކަމަށެވެ.

އަދި އޮފީހުގެ އެއްވެސް ކަމަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ 3010990 އަށް ގުޅުއްވުމަށް އެ ކޮމިޝަނުން ވަނީ އެދިފަ އެވެ.

ގ. ބިއްލޫރިޖެހިގޭގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ހިންގަން ފަށާފައިވަނީ 2015 ވަނަ އަހަރުން ފެށިގެންކަމަށްވާއިރު، އެ އޮފީހުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނީ، އޮފީސް އިމާރާތް ހުރީ މުވައްޒަފުންނަށް ސިއްހީ ގޮތުން އެންމެ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށާއި ފާހަނާ އާއި ސައިކޮޓަރި ބޭނުންކުރުމުގައި ބޮޑެތި ދަތިތަކެއް ހުރުމުގެ ސަބަބުން ރަސްމީ ގަޑީގައި ވެސް މަސައްކަތް ކުރަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންކަމަށެވެ.

މީގެ އިތުރުން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، ބިއްލޫރިޖެހިގެއަށް ބަދަލުކުރީ ވަރަށް ގިނަ މަރާމާތުތަކެއް ވެސް ކޮށްގެންކަމުގައިވީނަމަވެސް، ގިނަ ދުވަސްތަކެއް ނުވެ ފާހަނާ އާއި ސައިކޮޓަރީގެ އެކި ހިސާބުތަކަށް ފެން ފޭބުމާއި ފޫ ޖެހުމުގެ އުނދަގޫތައް ކުރިމަތިވާން ފެށި ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އެހެންނަމަވެސް، އެތައް ފަހަރަކު މަރާމާތުކޮށްގެން ވެސް ދެތިން މަސް ދުވަހުގެ ތެރޭގައި އަނެއްކާ ކުރީގެ ހާލަތަށް ބަދަލުވާ ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

"މިހާރުގެ ހާލަތަށް ބަލާއިރު ފާހަނާ އާއި ސައިކޮޓަރީގެ އިތުރުން ބައްދަލުވުންތަކާއި އަޑުއެހުންތައް ބޭއްވުމަށް އޮފީހުގައި ހުރި ހަމައެކަނި މީޓިން ރޫމުގެ ތެރެއަށް ފެނުގެ އަސަރުކޮށް ހުޅަނގު ފަރާތު ފާރާއި ކާޕެޓް ހަލާކުވަމުން ދިއުމާއި ނުސާފު ފެނުގެ ސަބަބުން ދުވާ ވަހުން މީޓިން ރޫމް ވެސް ބޭނުންކުރަން ވަނީ ދަތިވެފަ އެވެ،" އަހަރީ ރިޕޯޓުގައި ބުންޏެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް