ޑިޖިޓަލް ބަދަލުތައް ރައްޔިތުންނާ ހަމައަށް ގެންގޮސްދިނުމުގެ ޤާބިލްކަން އެލްޖީއޭގައި އެބަހުރި: ވަޒީރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ޑިޖިޓަލައިޒޭޝަން ތަޞައްވުރުގެ ތެރެއިން ރައްޔިތުންނާއި ހަމައަށް އެ ބަދަލުތައް ގެންގޮސްދިނުމުގެ ޤާބިލްކަން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގައި އެބަހުރިކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

"ދިވެހިރާއްޖެ 2.0" އާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއާއި، އެލް.ޖީ.އޭ އާއި އެން.ސީ.އައި.ޓީ އަދި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ގުޅިގެން ބޭއްވި މަޢުލޫމާތު ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ޑިޖިޓަލައިޒޭޝަން ބަދަލުގެ އިސްސަފުގައި މަސައްކަތް ކުރުމަށް އެލްޖީއޭއާއި އެވުޒާރާއިން ތައްޔާރުވެފައިވާ ކަމަށެވެ.

އެލްޖީއޭއަކީ ރާއްޖޭގެ ހުރިހާ ކައުންސިލަކަށް ބޭނުންވާ އޮންލައިން ވަސީލަތްތައް ޤާއިމްކުރުމަށް މަސައްކަތް ކޮށްދެއްވާ ތަޖުރިބާހުރި ފަރާތްތައް ތިބި އިދާރާއެއްކަމަށް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އޮންލައިން ވަސީލަތުގެ ސަބަބުން ކައުންސިލްތަކާއި ދައުލަތުގެ އިދާރާތައް ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމަށާއި، މި މަސައްކަތް ފެށުމުން ރައީސްގެ ތަޞައްވުރާއި އެއްގޮތަށް އެކަންކަން ކުރެވިގެންދިޔުމަކީ ވަޒީރުގެ ވަރަށްބޮޑު އެދުމެއްކަމަށެވެ.

"ރައީސް ބޭނުންވާ ސްޕީޑުގައި މޯލްޑިވްސް 2.0 މުޅި ރާއްޖެއަށް ހުރިހާ ހިސާބަކަށް ހުރިހާ ގެއަކަށް، ހުރިހާ ދޮރަކާއި ހަމައަށް ހަމައެކަނި ކައުންސިލްތަކަށްވުރެ ދުރަށް ގޭގޭގެ ދޮރާއި ހަމައަށް، ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ކައުންސިލުން ބޭނުންވާ ކަންތައްތައް ރަނގަޅަށް ދެނެގަނެ އެކަންކަން ކުރުމަށް އެންމެ ރަނގަޅު ބޭފުޅުންނަކީ ތިބޭފުޅުން މިކަމުގައި އަޅުގަނޑު އެދުމަކީ ހުރިހާ ބޭފުޅުންވެސް މިއީ މުހިންމުކަމެއްކަން ދެކި، ރައްޔިތުންނަށް ފަސޭހަ ގެނައުމަށް މަގުފަހިވާނެ ގޮތަށް އެމްބެސެޑާސް ގޮތުގައި ތިބޭފުޅުން މަސައްކަތްކޮށްދެއްވުން. ރައީސް ތަޞައްވުރާއި އެއްގޮތަށް މަސައްކަތް ކުރުމަކީ އަޅުގަނޑުގެ އެދުމެއް" ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ޑިޖިޓަލައިޒޭޝަން މަސައްކަތުގެ ދަށުން، ކައުންސިލްތަކާއި ދައުލަތުގެ އިދާރާތަކާއި ޝަރުޢީ ދާއިރާ އާއި ޤާނޫނު ހެދުމުގެ ބާރު ޑިޖިޓަލައިޒް ކުރުމަށް މަސައްކަތް ކުރާނެއެވެ. މިއާއެކު ރައްޔިތުންނަށް، އިސްކަންދޭ ކޮންމެ ރަށެއްގެ ކޮންމެ ހިސާބެއްގައިވެސް ހުންނަ ފަރާތްތަކަށް ޚިދުމަތް ބޭނުން ކުރެވޭ ނިޒާމެއް ޤާއިމް ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިިއީ ކުރިއަށް އޮތް 3 އަހަރު ތެރޭގައި ނިންމުމަށް ސަރުކާރުން ކަނޑައަޅާފައިވާ މަސައްކަތެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް