އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރާ ލާއިންސާނީ އަނިޔާތައް ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

އިސްރާއީލުން ޣައްޒާގެ ކުށެއް ނެތް ރައްޔިތުންނަށް ހުއްޓުމެއްނެތި ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ރޭ ނެރުނު ބަޔާނެއްގައި، އިސްރާއީލުން ޣައްޒާއަށް ދެމުންދާ މި ހަމަލާތަކުގައި މިއަދު އެކަނިވެސް ކުށެއްނެތް 100 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައިކަމަށްވަނީ ބަޔާންކޮށްފައެވެ. އަދި މި ހަމަލާތަކަކީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޤާނޫނާއި އަދި ބައިނަލްއަޤްވާމީ އިންސާނިއްޔަތުކަމުގެ ޤާނޫނާ ސީދާ ޚިލާފު ޢަމަލުތަކެއް ކަމަށް އެ ވުޒާރާއިން ބުންޏެވެ.

"އިސްރާއީލުން ޕަލަސްތީނު ރައްޔިތުންގެ ނަސްލު ނައްތާލުމަށް ކުރިއަށް ގެންދާ އަނިޔާވެރި ޢަމަލުތައް ވަގުތުން ވަގުތަށް ހުއްޓުވައި، ޣައްޒާގެ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، އިސްރާއީލުގެ ޢަމަލުތަކަށް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ދިވެހިރާއްޖެއިން ގޮވާލަމެވެ." އެ ބަޔާނުގައި ވެއެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައި ވަނިކޮށް އެ ހަމަލާތައް ކުށްވެރިކުރައްވައި ހަމަލާ ހުއްޓާލަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ގޮވާލައްވާފައެވެ.

އެމަނިކުފާނު ވަނީ، މި ޙަމަލާތަކާއި ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ހަރުކަށި ފިޔަވަޅު އަޅައި، ޙަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ބާރުއެޅުމަށް ގޮވާލައްވާފައެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނީ ހަމަތަކާއި އެއްގޮތަށް، ފަލަސްޠީނުގެ އާންމު ރައްޔިތުންގެ ފުރާނަ ހިމާޔަތްކުރުމަށް ފިޔަވަޅުތައް އަޅައި، އިޒްރޭލުން ހިންގަމުންދާ މި ނުބައި ޢަމަލުތަކަަށް، އެޤައުމު ޖަވާބުދާރީކުރުުވަން ޖެހޭނެކަން އެމަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް