ޗައިނާގެ ސަފީރު، މިނިސްޓަރ އާދަމް ޝަރީފުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ކޮންގް ޝިންހުއާ، މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އިއްޔެ ބޭއްވި މި ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ތަރައްޤީގެ ރާސްތާގައި އެހީތެރިވުމަށް ޗައިނާގެ ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ސަފީރު ކޮންގް ފާހަގަކުރެއްވިއެވެ. އަދި، ޗައިނާގެ ރައީސް ޝީ ޖިންޕިން ފާހަގަކުރައްވާ ފަދައިން، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮންނަ ޚާރިޖީ ގުޅުމަކީ ކުދި ޤައުމުތަކާއި، ބޮޑެތި ޤައުމުތަކާ އޮންނަ ގުޅުން، އެންމެ ފުރިހަމައަށް ދައްކުވައިދޭ ރީތި މިސާލެއް ކަމަށް ވެސް ސަފީރު ފާހަގަކުރެއްވިއެވެ.

ސަފީރު ކޮންގްގެ އިސްނެންގުމުގެ ދަށުން، ދިވެހިރާއްޖެއާއި، ޗައިނާއާ ދެމެދު އަބަދުވެސް އޮންނަ ގާތް ގުޅުމާއި ރަޙުމަތްތެރިކަން އިތުރަށް ވަރުގަދަވެގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމުގައި މި ބައްދަލުވުމުގައި މިނިސްޓަރ ދެއްކެވިވާހަކަފުޅުގައި ވިދާޅުވިއެވެ.

މިނިސްޓްރީގައި އޮތް މި ރަސްމިއްޔާތުގައި ޕްލޭނިންގ ޑިޕާޓްމެންޓްގެ މުވައްޒަފުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް