ހުޅުމާލޭ ހޮސްޕިޓަލުގެ ޒަމާނީ އިމަރޖެންސީ ރޫމުގެ ޚިދުމަތް މިހަފުތާގައި ފެށުމަށް ތައްޔާރު

ހުޅުމާލޭ ހޮސްޕިޓަލުގައި ޤާއިމްކުރާ ޒަމާނީ އިމަރޖެންސީ ރޫމްގެ މަސައްކަތް ނިމި، މިހަފްތާގައި ޚިދުމަތް ފެށުމަށް ތައްޔާރު ވަމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން، ހުޅުމާލޭ ހޮސްޕިޓަލުގެ ޑިރެކްޓަރ ޖެނެރަލް، މޫސާ ކަލީމް ޤާސިމް ވިދާޅުވީ،  މިހަފްތާގެ ތެރޭގައި އީއާރްގެ މި މަސައްކަތް އެއްކޮށް ނިންމާ ޚިދުމަތްދޭން ފަށަން މަސައްކަތްކުރާކަމަށާއި، މިހާރު އެނދުތައްވެސް ގެނެސް އެހެން ތަކެއްޗާއެކު އިންސްޓޯލްކުރުމަށް މަސައްކަތް ކުރިއަށްދާކަމަށެވެ.

މި އައު އިމަރޖެންސީ ރޫމުގައި 14 އެނދު ހުންނާނެ ކަމަށާއި، މީގެ ތެރޭގައި ކްރިޓިކަލް ކެއަރގެ އެނދެއްވެސް ހިމެނޭ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ. މި މަޝްރޫޢުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ކަލީމް އިތުރަށް ވިދާޅުވީ، ހޮސްޕިޓަލުގެ އިމަރޖެންސީ ވޯ ވޯޑުގެ އެނދުތައް މަދުވުމުގެ ސަބަބުން ކުރިމަތިވާ އެންމެ ބޮޑު ދައްޗަކީ، ހޮސްޕިޓަލަށް ކުއްލި ފަރުވާ ހޯދުމަށްދާ ފަރާތްތައް އެހެން ހޮސްޕިޓަލުތަކަށް ފޮނުވާލަން ޖެހުން ކަމަށެވެ. މިހާރު މި މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

ވޭތުވެދިޔަ 7 އަހަރު ހުޅުމާލޭ ހޮސްޕިޓަލުގައި އިމަރޖެންސީ ރޫމުގެ ޚިދުމަތް ދެމުން އައީ އެންމެ 7 އެނދުގެ ތަނެއްގައެވެ. މިއީ ދެލައްކައެއްހާ މީހުންގެ އާބާދީއަކަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލަކަށް އެކަށީގެންވާ ވަރަށްވުރެ މާ ކުޑަ ޖާގައެކެވެ. މިކަމަކީ އެސަރަޙައްދުގެ ރައްޔިތުންނާއި ހޮސްޕިޓަލުގެ މެނޭޖްމަންޓުގެވެސް ބޮޑު ކަންބޮޑުވުމަކަށް ވެފައިވާ ކަމެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް