މިއަހަރަށް ޙައްޖަށް ދިއުމަށް ކިއުގައި ތިބި ހުރިހާ ޙައްޖުވެރިންނަށްވެސް ފުރުސަތު ލިބޭ: މިނިސްޓްރީ

މިއަހަރަށް ޙައްޖަށް ދިއުމަށް ޙައްޖު ކޯޕަރޭޝަންގެ ކިއުގައި ހަމަޖެހިފައިވާ ތިބި ހުރިހާ ޙައްޖުވެރިންނަށްވެސް ޙައްޖަށް ދިއުމުގެ ފުރުސަތު ލިބޭނެކަމަަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މިއަހަރުގެ ޙައްޖު ކޯޓާގެ ތަފްސީލް މި މަހުގެ 26 ވަނަ ދުވަހު ހާމަކުރާނެއެވެ. އަދި ކޮންމެ އަހަރަކުވެސް ކޯޓާ ބޭނުން ކުރާ ގޮތުގެ ތަފްސީލް އެ ވުޒާރާއިން ހާމަ ކުރާ ގޮތަށް ވަނީ ނިންމާފައެވެ.

މިކަން އިންތިޒާމްވެގެންދާނެކަން ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ މީގެ ކުރިން ހާމަ ކުރައްވާފައެވެ. ރައީސް ވިދާޅުވީ، މިއީ ޒަމާންތަކަކަށް ފަހު, އެއަހަރެއްގައި ކިއުގައި ޙައްޖަށް ދެވޭނެ ކަމަށް ހަމަޖެހިފައިވާ އެންމެނަށް އެއަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާކަމަށެވެ.

ދިވެހިރާއްޖެއިން ޙައްޖަށް ދާ މީހުންގެ އިންތިޒާމުތައް ރަނގަޅު ކުރުމަށް ވުޒާރާއާއި ދަޢުލަތުގެ ޙައްޖު ކުންފުނި، ޙައްޖު ކޯޕަރޭޝަނުން ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއަހަރަކީ ދިވެހި ޙައްޖުވެރިންނަށް މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖަށް ދިއުމުގެ އިންތިޒާމް ހަމަޖެހި، ޙައްޖުގެ ދަތުރަށް ބޮޑު ލުއި ފަސޭހައެއް ލިބިގެންދާނެ އަހަރެކެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބެއްލެވުމުގެ ދަށުން ޙައްޖުގެ އިންތިޒާމްތައް ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނިގެން ދިއުމަކީ އެމަނިކުފާނުގެ ޒަޢާމަތުގައި ރާއްޖެއަށް ލިބިގެންދިޔަ ފާހަގަމޮށްލެވޭ ތާރީޚީ ކުރިއެރުމެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް