ކުރިއަށް އޮތް ޖޫން މަހު މާލެ ސަރަހައްދުގައި އިތުރު 10،000 ޓަނުގެ ފެން ރައްކާކުރަން ފެށޭނެ: މަތީން

ކުރިއަށް އޮތް ޖޫން މަހުގައި މާލެ ސަރަހައްދުގައި އިތުރު 10،000 ޓަނުގެ ފެން ރައްކާކުރަން ފެށޭނެކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން މަތީން ވިދާޅުވީ މާލެ ސަރަހައްދުގެ ފެން އުފައްދާ، ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އެގޮތުން ހުޅުމާލޭގައި ތަރައްޤީކުރާ 10،000 ޓަނުގެ ފެން ރައްކާކުރާ ތާންގީތަކުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި ޚިދުމަތް ފެށުމަށްޓަކައި ތާނގީތަކާ ގުޅަންޖެހޭ ޕަންޕާއި ޕައިޕްލައިންތަކުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ ފެން އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަން ހަދަމުންދާ 10،000 ޓަނުގެ ފެން އުފައްދާ ޕްލާންޓްގެ މަސައްކަތަށް އަލިއަޅުއްވާލައްވަމުން މަތީން ވިދާޅުވީ ޕްލާންޓްގެ ފައުންޑޭޝަންގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި ތަވާލާ އެއްގޮތަށް މި އަހަރު އެ މަސައްކަތް ނިމޭނެ ކަމަށެވެ.

"ބައިނަލްއަޤުވާމީ ނީލަމަށް ހުޅުވާލައިގެން މި މަސައްކަތް މިކުރަނީ. މިހާރު ވަނީ ފަރާތަކާ ހަވާލުކުރެވިފައި އިމާރާތުގެ މަސައްކަތް. ޕްލާންޓް މެނިފެކްޗަރކުރުމުގެ އެއްބައި މިހާރު ވަނީ ނިމިފައި. ބައެއް ތަކެތި މާލެވެސް ގެނެސްފައިވަނީ." މަތީން ވިދާޅުވިއެވެ.

މާލެ ސަރަހައްދަށް އިތުރު 10،000 ޓަނުގެ ފެން ރައްކާކުރުމުގެ ޤާބިލުކަން ލިބިފައިވާ ތާނގީތައް ތަރައްޤީކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް