ޓެލެގްރާމް އެކައުންޓްތައް ކޮމްޕްރޮމައިޒް ވާތީ އެކަމަށް ސަމާލުވުމަށް އެދެފި

ޓެލެގްރާމް އެކައުންޓްތައް ކޮމްޕްރޮމައިޒް ވާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އެދިވަޑައިގެންފިއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ވިދާޅުވީ، ޓެލެގްރާމް މެދުވެރިކޮށް ސްކޭމަރުން އަންނަނީ ޔޫސަރުންގެ އެކައުންޓްތައް ކޮމްޕްރޮމައިޒް ކުރުމަށްޓަކައި މަސައްކަތްކުރަމުން އަންނަކަން ސަމާލުކަމަށް ގެނެސްފައެވެ. އެގޮތުން، ސްކޭމަރުން މިހާރު ބޭނުންކުރާ އުކުޅުގައި ފޯނުގައި "ތިޔަބޭފުޅާގެ ފޮޓޯތަކެއް ވެބްސައިޓެއްގައި އެބަހުއްޓެވެ." ފަދަ މެސެޖުތައް ފޮނުވާކަމަށް އެ ސެންޓަރުން ވިދާޅުވިއެވެ. އަދި އެފަދަ ލިންކުތައް މެދުވެރިކޮށް ވެރިފިކޭޝަން ކޯޑު ހޯދުމަށް މަސައްކަތްކުރާކަމަށްވެސް އެ ސެންޓަރުން ވަނީ ވިދާޅުވެފައެވެ.

މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި އެއްވެސް ލިންކަކަށް ނުފިއްތެވުމާއި ވެރިފިކޭޝަން ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުމުގެ އިތުރުން ދަންނަ މީހެއްގެ ފަރާތުން އައި މެސެޖެއް ކަމުގައިވިޔަސް ސަމާލުވުމަށް އެންޓި ސްކޭމް ސެންޓަރުން ވަނީ އެދިވަޑައިގެންފައެވެ. އަދި މި މެސެޖް އެހެން ފަރާތްތަކަށް ވެސް ހިއްސާ ކޮށްދެއްވުމަކީ އެންޓި ސްކޭމް ސެންޓަރުގެ ވަރަށް ބޮޑު އެދުމެކެވެ.

ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:

1. ވަގުތުން އީމެއިލް އަދި ގުޅުންހުރި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކުރުން.

2. ޝައްކުކުރެވޭ ކަންތައްތައް ބޭންކް ނުވަތަ ކާޑު ދޫކުރި ފަރާތަށް ރިޕޯޓުކޮށް ބްލޮކްކުރުން.

3. އެންމެހައި މުއާމަލާތުގެ ތަފްސީލާއެކު އެ އެޕްލިކޭޝަނަށް ނުވަތަ ޕްލެތްފޯމަށް ރިޕޯޓުކުރުން.

4. ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުން.

5. އެހެން މީހުން ސަމާލުކުރުވުމަށް ތަޖުރިބާ ހިއްސާކުރުން.

އޮންލައިން ޝޮޕިންގ ކުރާއިރު ރައްކާތެރިވުމުގެ ގޮތުން އޮންލައިން ޝޮޕިންގއަށް ވަކި އީމެއިލް އެޑްރެހެއް ބޭނުންކުރުމާއި ކްރެޑިޓް ކާޑު ނުވަތަ ވާރޗުއަލް ކާޑު ފަދަ ރައްކާތެރި ފައިސާ ދެއްކުމުގެ ގޮތްތައް ބޭނުންކުރުން އަދި އެޕްލިކޭޝަންތައް ޑައުންލޯޑުކުރަނީ ހަމައެކަނި ރަސްމީ ތަންތަނުން (ގޫގުލް ޕްލޭ ސްޓޯރ ނުވަތަ އެޕަލް އެޕް ސްޓޯރ) ކަން ކަށަވަރުކުރުމުގެ އިތުރުން އިތުރު ރައްކާތެރިކަމަށް އެންޓި-ފިޝިންގ ސޮފްޓްވެއަރ ބޭނުންކުރުމަކީ އެޅިދާނެ ފިޔަވަޅުތަކެކެވެ.

އޮންލައިން ޝޮޕިންގ ޕްލެޓްފޯމްތަކުގެ ނަމުގައި ހިންގޭ ސްކޭމްތަކާމެދު ހާއްސަ ސަމާލުކަމެއް ދިނުން މުހިންމެވެ. އާންމުން މި ކަމަށް ހޭލުންތެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް އެޅިދާނެ އެންމެ މުހިންމު ފިޔަވަޅެވެ. އަދި ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ، ވަގުތުން ފިޔަވަޅު އެޅުމާއި ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމަކީ އެހެން މީހުންވެސް މިފަދަ ކަންކަމުން ސަލާމަތްކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

އެންޓި ސްކޭމް ސެންޓަރުން އަންނަނީ މިފަދަ ސްކޭމްތަކުން ރައްޔިތުން ރައްކާތެރިވެ، ހޭލުންތެރި ކުރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް