ގުޅިފަޅު ހިއްކި ސަރަހައްދުން ހުރިހާ ގޯއްޗެއް ދޫކުރަން ނިންމައި އާ ލޭންޑް ޔޫސް ޕްލޭން އާންމުކޮށްފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގެ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް، މިހާރު ހިއްކާފައިވާ ސަރަހައްދުން ލިބޭ ގޮތަށް ބަދަލުކޮށް، އައު ލޭންޑް ޔޫސް ޕްލޭން އާންމުކޮށްފި އެވެ.

އެގޮތުން، ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންގެ ގޯތިތައް، މިހާރު ހިއްކާފައިވާ ސަރަހައްދުން ލިބޭ ގޮތަށް ބަދަލުކޮށް، މިމަހު ދޫކުރުމަށް ނިންމާފައިވާއިރު، ހައުސިންގ މިނިސްޓަރ ޑރ. އަބުދުﷲ މުއްތޮލިބް މިއަދު ވިދާޅުވީ މާތްالله ގެ އިރާދަފުޅާއެކު މިމަސްތެރޭ ގުރުއަތުލުން ބާއްވައި ބިންތަކުގެ ރަޖިސްޓްރީ ހަދާދޭން ފެށޭނެ ކަމަށެވެ. އަދި ސާވޭ ނިމުނުހާ އަވަހަކަށް ޙަވާލު ކުރެވެން ހުރި ބިންތައް ބިމުގެ ވެރިފަރާތްތަކާ ޙަވާލު ކުރެވޭނެ ކަމަށާއި މިއީ ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުން ކަމުގައިވާ ބިމުގެ ރަޖިސްޓްރީ ހަދައި ގޯތި ޙަވާލުކުރުން އަވަސްކުރުމަށް ގެނެވުނު ބަދަލެއްކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭން އެންމެ ފުރަތަމަ އިޢުލާން ކުރެވުނީ 24 އޮގަސްޓް 2023 ގައެވެ. އޭރުގެ ޕްލޭނުގައި މީހުން ދިރިއުޅޭ ސަރަޙައްދެއްގައި ހުންނަން ޖެހޭ މުހިއްމު ބައިތައް ނެތުމާއެކު އެ ޕްލޭން ބަދަލުކޮށް 27 އޮކްޓޯބަރު 2024 ގައި އާ ޕްލޭނެއް ވަނީ އިޢުލާނު ކުރެވިފައެވެ. އެޕްލޭނުގައި ސަރުކާރުން އިތުރަށް ހިއްކުމަށް ކަޑައަޅާފައިވާ ސަރަޙައްދު ހިމެނޭހެން ގޯތި ދިނުމަށް ނިންމައި ގުރުއަތު ނެގުންވެސް ވަނީ ބާއްވާފައެވެ. ނަމަވެސް 24 އޮގަސްޓުގެ ޕްލޭނުގެ ދަށުން ގޯތި ލިިބުނު ބައެއް ފަރާތްތަކަށް އާ ޕްލޭނުގެ ދަށުން ގުރުއަތު ނެގުނު އިރު އަދި ނުހިއްކާ ނަމަވެސް ހިއްކުމަށް ޕްލޭނުކުރެވިފައިވާ ސަރަޙައްދުން ގޯތި ލިބޭ ގޮތް ވެގެން ގޮސްފައިވެއެވެ.

24 އޮގަސްޓު 2023 ގެ ޕްލޭންގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ރެޖިސްޓްރީ ދޫކުރެވިފައިވުމާއެކު، 27 އޮކްޓޯބަރު 2024 ގެ ޕްލޭނުގެ ދަށުން ގޯތި ރެޖިސްޓްރީ ހެދުމަށް ދަތިވެގެން ގޮސްފައިވަނީ ކުރިން ރަޖިސްޓްރީ ދެވިފައިވާ ފަރާތްތަކަށް އަދި ނުހިއްކާ ސަރަޙައްދުން ގޯތި ލިބޭގޮތަށް ގުރުއަތު ނެގިފައިވާތީއެވެ. ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކީ ގޯތިތަކުގެ ރެޖިސްޓްރީ ވީހާވެސް އަވަހަކަށް ދެއްވުން ކަމުގައިވުމާއެކު، ގުޅީފަޅުން ދޭން ކަޑައެޅި ހުރިހާ ގޯތިތަކެއް ހިއްކާފައިވާ ސަރަޙައްދުން ދޭން ނިންމައި ޕްލޭނަށް ބަދަލު ގެނެވި މިހާރު ވަނީ ގެޒެޓުކުރެވިފައެވެ.

މި ގެނެވުނު ބަދަލާއެކު ކޮމާޝަލް، އިންސްޓިޓިއުޝަނަލް އަދި އެފަދަ އެހެން ބޭނުންތަކަށް ބޭނުންވާ ބިން ހިއްކުމަށް ކަޑައަޅާފައިވާ ސަރަޙައްދަށް ވަނީ ބަދަލު ކުރެވިފައެވެ. މި ބަދަލު ގުޅީފަޅުގެ ގޯތި ލިބުނު ފަރާތްތައް ތަމްސީލުކުރައްވާ ޖަމިއްޔާއާ ޙިއްސާކުރެވި ބިންތައް ދޭނެ ގޮތަކާމެދު ވަނީ މަޝްވަރާކުރެވިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް