ޙައްޖުވެރިން މި މަހުގެ 26 ވަނަ ދުވަހު ފުރަން ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި

މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިން ފުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ ޢަމަލީ މަސައްކަތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަށައިފިކަމަށާއި، ދިވެހިރާއްޖެއިން މިއަހަރު ޙައްޖަށް ފުރާ ފުރަތަމަ ފުލައިޓުގެ ޙައްޖުވެރިން މި މަހުގެ 26 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އަދި ދިދިވެހިރާއްޖޭގައި މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙު ކުރުން 26 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އޮންނާނެއެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގެ މަސައްކަތްތައް ކުރުމަށް ސަޢުދީ ޢަރަބިއްޔާގެ އިސް ވަފުދެއް އިއްޔެ ވަނީ ރާއްޖެއަށް ވަޑައިގެންފައެވެ. މީގެ އިތުރުން މި މަސައްކަތަށް ސަޢުދީ ޢަރަބިއްޔާއިން 26 ބޭފުޅުންގެ ވަފުދެއް ރާއްޖެއަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގެ އެޑްވާންސް ޓީމުގެ ވަފުދުން މިއަދު ވަނީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދާއި ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމަށްފަހު، އެ ވަފުދުން ވަނީ ރާއްޖޭގެ ކަމާއި ބެހޭ މުއައްސަސާތަކާއެކުވެސް މަޝްވަރާ ބައްދަލުވުމެއް ބާއްވަވާފައެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން، ދިވެހި ޙައްޖުވެރިން ވެލާނާ އެއާޕޯޓުން ފުރުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާއަށް އެތެރެވުމަށް ފުރިހަމަ ކުރަން ޖެހޭ އިމިގްރޭޝަން ޕްރޮސެސް ފުރިހަމަ ކުރާނެއެވެ. މިއާއެކު ދިވެހި ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތުގެ އަދަދު ވަރަށް ބޮޑަށް މަދުވެގެންދާނެކަން ފާހަގަކޮށްލެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް