މައްކާ ރޫޓު އިނީޝިއޭޓިވްގެ ވަފުދުން ރާއްޖޭގެ ކަމާއިބެހޭ މުއައްސަސާތަކާއި ބައްދަލުކުރައްވައިފި

މައްކާ ރޫޓް ތަންފީޒުކުރުމުގެ ތައްޔާރީތަކަށް ރާއްޖެ ވަޑައިގެންނެވި ސައުދީ އަރަބިއްޔާގެ ވަފުދުން ރާއްޖޭގެ ކަމާގުޅޭ މުއައްސަސާތަކާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެެވެ. މި ބައްދަލުކުރެެއްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިތުރުން، ދިވެހިރާއްޖެގެ ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް، އިމިގްރޭޝަން ކޮންޓްރޯލަރ ރިޓަޔާޑް މުޙައްމަދު ފަޞީޙް ވަނީ ބައިވެރިވެލައްވާފައެވެ.

މީގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ އިސްބޭފުޅުންނާއި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އިސްބޭފުޅުންނާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިސް ބޭފުޅުންވެސް ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެލައްވާފައެވެ. މީގެ އިތުރުން މިއަހަރު ދިވެހި ޙައްޖުވެރިން ދަތުރުކުރާ މޯލްޑިވިއަންގެ އިސް ބޭފުޅުންނާއި ސަޢުދީ އެއާލައިންގެ އިސް ބޭފުޅުންވެސް ބައިވެރިވެލައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ވަނީ ޚާއްސަ ޕްރެޒެންޓޭޝަނެއް ދެއްވާފައެވެ. މީގެ އިތުރުން ޙައްޖުގެ ތައްޔާރީތަކާއި ގުޅޭ ގޮތުން ޙައްޖު ކޯޕަރޭޝަނުންވެސް ވަނީ މަޢުލޫމާތު ދެއްވާފައެވެ.

ދިވެހިރާއްޖޭގައި މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް ފެއްޓެވުމަށް ހަމަޖެހިފައިވަނީ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފުލައިޓު ފުރާ ދުވަސްކަމަށްވާ މި މަހުގެ 26 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް