ނަރުހުންގެ ދުވަހާ ގުޅުވައިގެން މުޅި ރާއްޖޭގައި ހިނގާލުމެއް ބާއްވަނީ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް ނާސިންގ ފެކަލްޓީން އިންތިޒާމްކޮށްގެން ނަރުހުންގެ ދުވަހާ ގުޅުވައިގެން މުޅި ރާއްޖޭގައި ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.

ހިނގާލުން މާލޭގައި ފަށާނީ މިއަދު ހަވީރު ހުޅުމާލޭގައެވެ.

ހުޅުމާލޭ ސެންޓަރަލް ޕާކް ސަރަހައްދުން، ކްލޭ ޕާކް ކުރިމަތިން ފެށުމަށް ހަމަޖެހިފައިވާ ހިނގާލުމުގައި، ނަރުސްކަން ކިޔަވާ ދަރިވަރުންނާއި ސިއްޚީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރައްވާ ނަރުހުންގެ އިތުރުން، މުވައްސަސާތަކުން ބައިވެރިވާނެއެވެ. އަދި ނަރުހުންގެ ދުވަހުގެ ޝިއާރުތައް ފާޅުކޮށް، ނަރުހުންގެ އިންސާނީ ޚިދުމަތް ފާހަގަކުރުމަށް ބާއްވާ މިހިނގާލުމުގައި، ބައިވެރިވުމަށް އާންމުންނަށްވެސް ވަނީ ދައުވަތުދީފައެވެ.

މިހިނގާލުން މާލޭ ސަރަހައްދުގައި ކުރިއަށްދާ ވަގުތު ރާއްޖޭގެ ހުރިހާ ޞިއްހީ ޚިދުމަތްދޭ ތަންތަނުން ބައިވެރިވާނެއެވެ.

ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް، މިމަހު 29 ވަނަ ދުވަހު ހުޅުމާލޭގައި ހެލްތު ފެއަރއެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ރާވާފައެވެ. ދުނިޔޭގެ ނަރުހުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ މެއި މަހުގެ 12 ވަނަ ދުވަހެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް