ހައްޓަށް ޕްރޮގްރާމްގެ މަޤްސަދަކީ ކުރީގެ އާދަތަކާއި ކެއުންތަކަށް އެނބުރި ދިއުން: ވަޒީރު

ހައްޓަށް ޕްރޮގްރާމްގެ މަޤްސަދަކީ ކުރީގެ އާދަތަކާއި ކެއުންތަކަށް އެނބުރި ދިއުންކަމަށް މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، "ހައްޓަށް" ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، މި ޕްރޮގްރާމުގެ ޒަރިއްޔާއިން، ދުޅަހެޔޮ ދޮށީ އުމުރުގެ އާބާދީއަކަށް މަގުފަހިކުރުމަށާއި، ކޮންމެ އުމުރުފުރައެއްގެ މީހަކީވެސް ކެއިންބުއިމުގައި ދުޅަހެޔޮ އާދަތައް އަށަގެންފައިވާ މީހެއްގެ ގޮތުގައި ބައްޓަންކުރުމަށް ބޭނުންވާ މަޢުލޫމާތު ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ފަރާތަކަށްވެސް ފަސޭހަކަމާއެކު ލިބިގެންދާނެކަމުގައި ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.

އަދި އެ ވުޒާރާއާއި، ޔޫއެންއެފްޕީއޭ، ޕީއެސްއެމް އަދި އެސްޓީއޯއާ ގުޅިގެން މިންހެޔޮ ކާނާ ތައްޔާރުކުރާނެ ގޮތްތަކާއި، ޞިއްޙަތާ ގުޅުންހުރި ތަފާތު މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް "ހައްޓަށް" ގެ ނަމުގައި ސިލްސިލާ ޓީވީ ޕްރޮގްރާމުތަކެއް ކުރިއަށް ގެންދިއުމުގެ މަޤުސަދަކީ އަޅުގަނޑުމެންގެ ކުރީގެ އާދަތަކާއި އެއްގޮތަށް ލުއި ފައިދާހުރި ކެއުންތަކަށް އެނބުރި ދިއުން ކަމަށާއި، މި ޕްރޮގްރާމުގެ ޒަރިއްޔާއިން، ދުޅަހެޔޮ ދޮށީ އުމުރުގެ އާބާދީއަކަށް މަގުފަހިކުރުމަށާއި، ކޮންމެ އުމުރުފުރައެއްގެ މީހަކީވެސް ކެއިންބުއިމުގައި ދުޅަހެޔޮ އާދަތައް އަށަގެންފައިވާ މީހެއްގެ ގޮތުގައި ބައްޓަންކުރުމަށް ބޭނުންވާ މަޢުލޫމާތު ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ފަރާތަކަށްވެސް ފަސޭހަކަމާއެކު ލިބިގެންދާނެކަމުގައި ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން، ޔޫއެންއެފްޕީއޭ، ޕީއެސްއެމް، އަދި އެސްޓީއޯއާ ގުޅިގެން މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ، މިންހެޔޮ ކާނާއާ ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމަށް އިސްރަށްވެހިންގެ ނާދީގައި ޔޫއެންއެފްޕީއޭއާ ގުޅިގެން ކުރިއަށް ގެންދެވުނު ޕްރޮގްރާމުގެ ފީޑްބެކަށް ބަލައި، މިފަދަ ޕްރޮގްރާމުތަކުގެ ބޭނުންތެރިކަމާއި، މީގެތެރެއިން ލިބޭ މަޢުލޫމާތުގެ އަލީގައި އިސްރަށްވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާކަން އެ ފަރާތްތަކުން ފާހަގަކުރުމާ ގުޅިގެންނެވެ.

"މި ޕްރޮގްރާމް ނާދީގައި ހިންގިއިރު، ކޮންމެ ޕްރޮގްރާމަކަށްފަހު އިސްރަށްވެހިންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބުނު ފީޑްބެކަކީ ހިތްހަމަޖެހުމާއި އުފާވެރިކަމާ އަދި މިއީ އެމީހުންނަށް ބޭނުންތެރި ޕްރޮގްރާމެއްކަން. ކޮންމެ ޕްރޮގްރާމަކަށް ފަހު އެންބުރި ގެއަށްގޮސް އިސްރަށްވެހިން އެމީހުންގެ ގޭތެރޭގައި އެމީހުންގެ ބަސްވިކޭ އެންމެހާ ފަރާތްތަކަށް މި އާދަތައް ފޯރުކޮށްދީ، އެމީހުންގެ ހަށިގަނޑުތައް ބަދަލުވާވަރާއި، އެމީހުންނަށް ހިތްހަމަޖެހުން އަންނަވަރާއި، އެމީހުންނަށްވާ ކުދި އުނދަގޫތަކުން ދުރުކޮށްދެވޭ ވަރު އަޅުގަނޑުމެންނަށް ފާހަގަކުރެވޭ." ޑރ. އައިޝަތު ޝިހާމު ވިދާޅުވިއެވެ.

މި ޕްރޮގްރާމު ޕީއެސްއެމް މެދުވެރިކޮށް ދުރަށް ދައްކަން ފެށުމުން، މީގެ ހެޔޮ އަސަރު މުޖުތަމަޢުން ފެންނަން ފަށާނެކަމަށް ޤަބޫލުފުޅު ކުރައްވާކަމަށާއި، ނަތީޖާއެއްގެ ގޮތުން، ދިރިއުޅުމުގެ އާދަކާދައިގެ ތެރެއަށް މިންހެޔޮ ކާނާ ބޭނުންކުރުން ވަދެ، ޞިއްޙަތު ރަނގަޅު މުޖުތަމަޢެއް ބިނާވެގެންދިއުމަށް އޭގެ ސަބަބުން އެހީތެރިވެދޭނެކަން ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި މިފަދަ ޕްރޮގްރާމުތަކުން ލިބޭ މަޢުލޫމާތުތަކުގެ އަލީގައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭ ކުދިކުދި ބަދަލުތަކާއެކު، މުޖުތަމަޢު ވެގެންދާނީ ގައިގައިން ނާރާ ބަލިތައް – ނުވަތަ ދާއިމީ ގިނަ ވައްތަރުތަކުގެ ބަލިތަކުން ރައްކާތެރިވެފައިވާ، ހަރަކާތްތެރި، އުފެއްދުންތެރި، އަދި ދުޅަހެޔޮ މުޖުތަމަޢަކަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ހައްޓަށް" ޕްރޮގްރާމުގެ ފުރަތަމަ ސިލްސިލާ ބެހިގެންވަނީ 13 ޕްރޮގްރާމުގެ މައްޗަށެވެ. ޕީއެސްއެމް މެދުވެރިކޮށް މި ޕްރޮގްރާމް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ބޭނުންވާ ވަސީލަތްތައް އެސްޓީއޯގެ ފަރާތުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ފަހުމުނާމާގެ ދަށުން، މިންހެޔޮ ކާނާ ތައްޔާރުކުރާނެ ގޮތްތައް ކިޔައިދީ، އެ މަޢުލޫމާތުތައް ފޯރުކޮށްދޭނީ ޔޫއެންއެފްޕީއޭގެ ފަރާތުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް